ރައީސް މުއިއްޒާއި ނަޝީދު --

އީޕީއޭ ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެންދިޔުން ގޯސް: ނަޝީދު

ނާއިފް ހަލީމް
 
28 ދުވަސް ކުރިން

ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުތަކަށް އިތުބާރު ބޭނުންވާނަމަ، އެނަވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަންކަމާއެކު ދެމި އޮންނަންޖެހޭނެ ކަމަށާއި، ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާ އެއްކޮށްގެން ހިންގާ މިނިސްޓްރީގެ ދަށަށް އެ އިދާރާ ބަދަލުކުރުމަކީ ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށް އީޕީއޭ އުފެއްދީ 2008 ވަނަ އަހަރު ނަޝީދުގެ ސަރުކާރުގައެވެ.

މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މީގެ ކުރިން ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގި އެ އިދާރާ، ސީދާ މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

އަދި އެ އިދާރާގެ ނަން ވަނީ "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ"އަށް ބަދަލުކުރައްވައިފައެވެ.

އެކަމާ ގުޅޭގޮތުން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުތަކަކީ އިތުބާރު ކުރެވޭ ސިޔާސަތުތަކަކަށް ހެދުމަށްޓަކައި އީޕީއޭ މިނިވަންކަމާއެކު ދެމި އޮންނަންޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެ އިދާރާގެ މަސްއޫލިއްޔަތުތައް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީ ގޯހެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ.