ކުރީގެ ރައީސް މުހައްމަދު ނަޝީދު - -

މިނިވަން ނޫސްވެރިކަމާއިއެކު، ޒިންމާދާރު ނޫސްވެރިންނަށްވުން މުހިންމު: ނަޝީދު

އާއިޝަތު އަނާ ރަޝީދު
 
8 ދުވަސް ކުރިން

ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮންމެހެން ބޭނުން އެއްޗެއް ކަމަށާއި، އެހެންނަމަވެސް ނޫސްވެރިން އަދާކުރަންޖެހޭ ޒިންމާތައް ވެސް އެހާމެ މުހިންމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ފާހަގަކުރައްވައިފިއެވެ. 

މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީތަކެއް އެއްމޭޒުދޮށަށް ގެނައުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.

https://x.com/mohamednasheed/status/1962107644555964809?s=46

މީގެ ކުރިން ނަޝީދު ވަނީ މި ބިލު ތަސްދީގު ނުކުރެއްވުމަށް ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ. މިހާރު ކޮމިޓީ މަރުހަލާގައި އޮތް މި ބިލު، މަޖިލީހުގެ ތަޅުމުން ފާސްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ދެ ހަފުތާގެ މުއްދަތެއް ލިބިވަޑައިގަންނަވާނެއެވެ. އެ މުއްދަތުގައި ބިލު ތަސްދީގުކުރެއްވުމަށް ނުވަތަ އަނބުރާ މަޖިލީހަށް ފޮނުއްވުމަށް ނިންމަވަންޖެހޭނެއެވެ.

ކުރީގެ ނޫސްވެރިއެއް އަދި މިހާރުވެސް ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ނަޝީދުގެ މި ހިޔާލުފުޅު ފާޅުކުރައްވާފައިވަނީ، މި ބިލާ ގުޅޭގޮތުން ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބައްދަލުކުރި ދުވަހުއެވެ. މި ބިލާ ގުޅޭގޮތުން ނޫސްތަކާއި، އެމްޖޭއޭ އަދި ޔޫތު މިނިސްޓްރީއާވެސް ކޮމިޓީން ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް ޞަފާ ޝަފީގު ވިދާޅުވެފައިވަނީ، މި ބިލު އެކުލަވާލުމުގައި އެއްވެސް މަޝްވަރާއެއް ނުކުރާކަން ފާހަގަކުރައްވައި، އިތުރަށް ދިރާސާކުރަންޖެހޭ ގިނަ ކަންކަން ހުރި ކަމަށެވެ.