އަލްއުސްތާޛު އަޙްމަދު އުޝާމަ - - ފޮޓޯ: ރައީސް އޮފީސް

ބިލް އަނބުރާ ގެންދަން ޖެހޭކަމަށް ނުދެކެން: އޭޖީ

އާއިޝަތު އަނާ ރަޝީދު
 
12 ދުވަސް ކުރިން

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު އޮތް މީޑިއާ ކޮންޓްރޯލު ކުރުމުގެ ބިލު އަނބުރާ ގެންދަން ޖެހޭނެ ކަމަކަށް ސަރުކާރުން ނުދެކޭ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް އިއްޔެ ހާމަކުރެއްވިއެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، މި ބިލާ މެދު ނޫސްވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން ވާހަކަދައްކަވަމުން، އުޝާމް ވިދާޅުވީ މީޑިއާ ކައުންސިލުން ކުރިން ހުށަހެޅި ބިލުގެ ޑްރާފްޓާއި މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލާ ދެމެދު މާބޮޑު ތަފާތެއް ނެތް ކަމަށެވެ.

ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މީޑިއާ ކޮމިޝަނުގެ މެންބަރުންނާއި ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ މައްސަލަ ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ. މިކަމާ ގުޅިގެން ރައީސް ހައްލެއް ހުށަހަޅުއްވާފައިވާ ކަމަށާއި، މީޑިއާ ކައުންސިލުން އޭޖީ އޮފީހަށް ހުށަހެޅި ބިލުގައި 7 މެންބަރުންގެ ތެރެއިން 5 މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނަށް ވާނެ ކަމަށާއި، އަދި ދެން ތިބޭ ދެ މެންބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އުޝާމް ހާމަކުރެއްވިއެވެ.

ނޫސްވެރިންވަނީ މިއަދު މެންދުރުފަހު ރައީސްއާއި ބައްދަލުކުރައްވައި މީޑިއާ ބިލާއި ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އެގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސްވަނީ މިބިލާއި މެދު އިތުރަށް ވިސްނަވާނެ ކަމަށާއި މީޑިއާ ކޮންޓްރޯލް ކުރުމަށް ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ.