ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނު އަަސާސީއާ ހިލާފު ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ގާނޫނުއަސާސީއަށް ގެނައި ބަދަލަކީ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިވަޑައިގެން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.
އެ މައްސަލާގެ އަޑުއެހުންތައް މި މަހު ސުޕްރީމް ކޯޓުން ނިންމާލިއިރު، އަލީ ހުސެއިންގެ ފަރާތުން އެދުނު ދެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ. އެއީ ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާ ބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމުގެ ވަގުތީ އަމުރަކަށާއި ސުޕްރީމް ކޯޓުން އެ މައްސަލާގައި ގޮތެއް ނިމެންދެން ފަނޑިޔާރަކަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށެވެ.
މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. ރިޔާސަތުގައި އިންނަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.