ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިން ޓެކްސް ދެގުނަ ބޮޑުކުރަން ސަރުކާރުން ހުށަހަޅައިފި

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ރާއްޖޭގެ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސް ދެގުނައަށް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ މެންބަރު ހަސަން ޒަރީރެވެ. މެންބަރު ވިދާޅުވީ މި ބަދަލު ގެނައުމުގެ ބޭނުމަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން މަޝްރޫއުތަކަށް ބިޑުކުރާ ބޭރުގެ ކޮންޓްރެކްޓަރުންނާއި ދިވެހި ވިޔަފާރިތަކުގެ މެދުގައި އިންސާފުވެރި އަދި ވާދަވެރި މާހައުލެއް ގާއިމުކުރުން ކަމަށެވެ.

ވިތުހޯލްޑިން ޓެކްސަކީ ރާއްޖޭގެ ވިޔަފާރިތަކުން ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން އުނިކޮށް، މީރާއަށް ދައްކަންޖެހޭ ޓެކްސެކެވެ.

މި އިސްލާހުގައި ވަނީ ވިތުހޯލްޑިން ޓެކްސް %5 އިން %10 އަށް ބޮޑުކުރުމަށެވެ. އަދި މި ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް އަހަރަކު އިތުރު 251 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ.

ބިލްގެ ބަހުސްގެ މަރުހަލާގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވިދާޅުވީ މި ޓެކްސް ބޮޑުކުރުމުން ދިވެހި ކޮންޓްރެކްޓަރުންނަށް ބޭރުގެ ފަރާތްތަކާ ވާދަކުރުމުގައި ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި ނާޖާާއިޒް ގޮތުގައި ވިޔަފާރި ކުރަމުން ދިޔަ ބޭރުގެ ވިޔަފާރިވެރިންގެ ނާޖާއިޒު ފައިދާތައް ހުއްޓާލައި، ދިވެހި ވިޔަފާރިވެރިންނަށް ހައްގުވާ މިންވަރު ކަށަވަރުވެގެންދާނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

އޭގެއިތުރުން އިދިކޮޅު އެމްޑީޕީގެ މެމްބަރުންވެސް މި ބިލަށް ތާއީދުކޮށްފައިވެ އެވެ. ނަަމަވެސް އެ މެމްބަރުން ވިދާޅުވީ މިހާރު ޤާނޫނުތައް ހުރިގޮތުން މި އިސްލާހް ގެނައިނަމަވެސް، ދިވެހި ކޮންޓްރެކްޓަރުންނަށް މާބޮޑު ފައިދާއެއް ނުކުރާނެ ކަމަށެވެ. އެގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ ވިތުހޯލްޑިން ޓެކްސް ބޮޑުކުރުމަކީ ދިވެހި ވިޔަފާރިތަކުގެ ހިންގުމަށް ސީދާ އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ބޭރުގެ ކޮންޓްރެކްޓަރުން މިހާރުވެސް ރާއްޖޭގައި މަސައްކަތްކުރަނީ ދިވެހި ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެންކަމަށްވާތީ، މި ޤާނޫނުގެ އިސްތިސްނާ އެ ފަރާތްތަކަށް ލިބޭ ކަމަށެވެ.

ސަރުކާރުން އިއްޔެެ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށްވެސް އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އެއީ ރާއްޖެއިން ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތުން ޖީއެސްޓީ ނެގުމަށް ހުށަހެޅި އިސްލާހުތަކެކެވެ.

މި އިސްލާޙުގެ ދަށުން ޓެކްސް ނެގުމަށް ކަނޑައަޅާފައިވަނީ ރާއްޖެއިން ބޭރުގެ އޮންލައިން ބުކިންގ ޕްލެޓްފޯމްތަކާއި، ފޮރިން ޓުއާ އޮޕަރޭޓަރުން އަދި ރާއްޖެއިން ބޭރުގެ ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކުންނެވެ. މި ފަރާތްތަކަކީ ރާއްޖޭގައި ޤާއިމުވެފައިވާ ތަންތަން ކަމުގައި ނުވާތީ، ޖީއެސްޓީ ރަޖިސްޓްރޭޝަނާއި ޓެކްސް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނީ މީރާއިން ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްފަހުގަ އެވެ.