ގެންނަ އިސްލާހުން ޓެކްސް ނިޒާމަށް ވަންނަ ފައިސާ އިތުރުވެ، ދިވެހި ކޮންޓްރެކްޓަރުންނަށް ފައިދާވާނެ

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

އާމްދަނީން ޓެކުސް ނެގުމުގެ ގާނޫނަށް ސަރުކާރުން ގެންނަ އިސްލާހުގެ ސަބަބުން ޓެކުހުގެ ނިޒާމުގެ ތެރެއިން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމާއެކު، ރާއްޖޭގެ ކޮންޓްރެކްްޓަރުންނަށް އިތުރު ފުރުސަތުތައް ފަހިވެ އެކަމުން ފައިދާވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ މިހާރު ގާނޫނުގައި ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި ފަސް އިންސައްތަ ދައްކަން އޮތް ނަމަވެސް، ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުން ރާއްޖެއަށް އެތެރެކުރާ މުދަލާއި ގަންނަ މުދަލުން ޑިއުޓީއާއި ޓެކުހުގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިކުރުމަށްފަހު މީރާއިން އެ ކުންފުނިތަކަށް ފައިސާ ދައްކަންޖެހޭ ފަދަ ހާލަތެއް އުފަންވާ ކަމަށެވެ. 

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރުން މިއަދު އެބިލާ ދެކޮޅަށް ތަޅުމުގައި ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުން ފަލާހު ވިދާޅުވީ ސިޔާސީ ގޮތުން ވާހަކަދައްކަވާ ބޭފުޅުންނަށް ކޮންމެ ގޮތަކަށް ވާހަކަދެއްކެވުނު ނަމަވެސް، ބިލު ރަނގަޅަށް ވިދާޅުވެއްޖެނަމަ ބިލުން ލިބޭނީ ފައިދާކަން ޔަގީންވާނެ ކަމަށެވެ. 

"މިބިލުގައި މިހާރު އޮތް ގޮތުން މިހާރު ރާއްޖޭގައި ތަރައްގީކުރާ ރިސޯޓެއް، ޗައިނާ ނުވަތަ ޖަޕާނު ނުވަތަ އިންޑިޔާ ކުންފުންޏެއްވެސް އައިސް އެބޭފުޅުން އައިސް ކޮންޓްރެކްޓަށް ހަދަނީ. ހަދާކަމަށްވަންޏާ މި ގާނޫނު އޮތް ގޮތުން ދައްކަންޖެހެނީ ފަސް ޕަސެންޓު. ފަސް ޕަސެންޓު ދައްކަންޏާ އެބޭފުޅުން އޭތި މީތި ކިޔާފައި މިގާނޫނުގެ 45 ވަނަ މާއްދާ އޮތް ގޮތުން އޭގެ އިތުރަށް ދައްކާފައި މީރާއިން އެބަ ނަގައޭ،" ފަލާހު ވިދާޅުވިއެވެ. 

ފަލާހު ވިދާޅުވި ގޮތުގައި މިހާރު ގެންނަ އިސްލާހުގެ ދަށުން ދައްކަންޖެހޭ ވިތުހޯލްޑިން ޓެކުސް އެހެން އެއްޗަކާ އަޅުވައިކިޔައިގެން ދައްކަންޖެހޭ އަދަދު ކުޑަކުރުމުގެ ފުރުސަތު މުޅިން ބަންދުވާނެއެވެ. 100 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގެ ދަށުން ރިސޯޓެއް ތަރައްގީކުރިނަމަ އެ ކުންފުންޏަކަށް ރާއްޖެއިން ފުރައިގެންދެވޭނީ އެ ފައިސާގެ 10 އިންސައްތަކަމަށްވާ 10 މިލިއަން ޑޮލަރު މީރާއަށް ދެއްކުމަށްފަހު ކަމަށް ފަލާހު ވިދާޅުވިއެވެ. 

އިތުރަށް މެންބަރު ވިދާޅުވީ ކުރީގައި ގާނޫނު އޮތް ގޮތުން ބޭރު ކުންފުނިތަކަށް ރިސޯޓު ހެދުން ފަދަ ބޮޑެތި މަޝްރޫއުތައް ހަވާލުކުރުމަށް ބާރުއެޅިގެންދާ ކަމަށެވެ. ނަމަވެސް ސަރުކާރުން ފަށާފައިވާ އިސްލާހާއެކު ބޭރު ކުންފުނިތަކުގެ ބަދަލުގައި ދިވެހި ކުންފުނިތަކަށް މަސައްކަތް ހަވާލުކުރުމަށް ފުރުސަތު ލިބިގެންދާ ކަމަށެވެ. 

"ހުރެދާނެ ސިޔާސީ ގޮތުން ދެކޮޅަށް ވާހަކަދެއްކޭ ކަހަލަ އިސްލާހުވެސް. އެހެންނަމަވެސް ރާއްޖޭގެ ކޮންޓްރެކްޓަރުންނަށްވެސް، ރާއްޖޭގެ މާލިއްޔަތަށް އަދި މިލްކިއްޔާތަށްވެސް ވަރަށް ބޮޑު މަންފާހުރި އިސްލާހެއް ހުށަހަޅައިގެން މިއުޅެނީ. މިއާ ދެކޮޅަށް ތިބޭފުޅުން ތެދުނުވުން ރަނގަޅީ،" ފަލާހު ވިދާޅުވިއެވެ. 

ފަލާހު އިތުރަށް ވިދާޅުވީ އެ ބިލާ ދެކޮޅުވުމަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި، ދިވެހި ކުންފުނިތަކަށް ލިބޭ މަސައްކަތްތައް އިތުރުުކުރުމާ ދެކޮޅުހެދުން ކަމަށެވެ.