ސިނާއީ އަދި ވިޔަފާރީގެ ބޭނުންތަކަށް ހޯލްސޭލްކޮށް ގަންނަ ޕްލާސްޓިކް ކޮތަޅު ބޮނޑިތަކުން ނަގަމުން އައި 2 ރުފިޔާގެ ފީ އިސްތިސްނާ ކުރުމަށްޓަކައި ކުނި މެނޭޖްކުރުމުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާޤުންނެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓުގައިވާ ގޮތަށް އެއްވެސް އިތުރު ބަދަލެއް ނުގެނެހެވެ.
ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން މިހާރު ޕްލާސްޓިކް ކޮތަޅުގެ ފީ އިސްތިސްނާވަނީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ދޭ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ރޯމަސް އެޅުމަށް ބޭނުންކުރާ ކޮތަޅުގެ އިތުރުން ރަޖިސްޓްރީވެފައިވާ ކުނި މެނޭޖްކުރާ ފަރާތްތަކުން ކުނި އުކާލުމަށް ޚާއްޞަކޮށް ވިއްކާ ކަޅު ކޮތަޅުން އެކަންޏެވެ. ނަމަވެސް، އަލަށް ގެނައި އިޞްލާޙުގެ ދަށުން 50 ނުވަތަ އެއަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑި ހޯލްސޭލްކޮށް ވިއްކާއިރު ފީ ނެގުމުން އިސްތިސްނާވާނެ އެވެ.
މީގެ އިތުރުން، ޖީއެސްޓީއަށް ރަޖިސްޓްރީ ނުކުރާ ވިޔަފާރިތަކުންވެސް ޕްލާސްޓިކް ކޮތަޅުން ފީ ނަގަންޖެހޭ ގޮތަށް މި ބިލުން ލާޒިމުކޮށްފައިވެ އެވެ. އަދި ޖީއެސްޓީއަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން މި ފީ ބަލައިގަތުމާއި ދައުލަތަށް ދެއްކުމާ ގުޅޭ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުމުގެ ޒިންމާ އެންވަޔަރަންމަންޓް މިނިސްޓްރީއާ ހަވާލުކޮށްފައިވެ އެވެ.
18 އޭޕްރީލް 2023 ގައި ކުނި މެނޭޖްކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ކޮންމެ މަރުޙަލާއެއްގައިވެސް ކޮތަޅަކަށް 2 ރުފިޔާގެ ފީއެއް ދައްކަން ޖެހުމުން ވިޔަފާރިތަކަށާއި ޢާންމުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހުނެވެ. މިގޮތުން ކުދި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތަކުން ހޯލްސޭލްކޮށް 50 ނުވަތަ 100 ކޮތަޅުގެ ބޮނޑިއެއް ގަންނައިރު އިތުރަށް 100 އިން 200 ރުފިޔާ ދައްކަން ޖެހުމުގެ ސަބަބުން ވިޔަފާރި ހިންގުމުގެ ޚަރަދު ބޮޑުވެ، އެއް ކޮތަޅަކުން ދެ ފަހަރަށް ފީ ނެގޭ މައްސަލަ ފެންމަތިވި އެވެ.
މި އިޞްލާޙު ގެނައީ މި މައްސަލައާ ގުޅިގެން ވިޔަފާރިވެރިންނާއި ޢާންމު ރައްޔިތުންގެ ފަރާތުން ފާޅުކުރި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.