ދިވެހިރާއްޖެ ވިއްކައިގެން ބޭރުގެ ފަރާތްތަކުން ބޮޑެތި މަންފާތަކެއް ހޯދަމުންދާއިރު، އޭގެ ހަގީގީ ނަފާ ދިވެހި ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ، ރާއްޖެއިން ބޭރުގެ 500 އެއްހާ ޓްރެވަލް އޭޖެންސީތަކާއި ޓުއާ އޮޕަރޭޓަރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭނުންކޮށްގެން ވިޔަފާރިކުރަމުން އަންނަ ކަމަށެވެ. އަދި އޮންލައިން ޕްލެޓްފޯމުތަކުގެ ގޮތުގައި މޭޖާ 20 އާއި 50 އާ ދެމެދުގެ އަދަދަކަށް ފަރާތްތައް ހަރަކާތްތެރިވަމުން އަންނައިރު، ޖުމުލަ ގާތްގަނޑަކަށް 1500 އެއްހާ ދިމާއިން ރާއްޖޭގެ ރަށްތަކާއި، ރިސޯޓުތަކުގެ ކޮޓަރިތަކާއި ގެސްޓްހައުސްތައް ވިއްކަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، މިހާތަނަށް މިކަންކަން ތަރުތީބުވެފައި އޮތީ ރާއްޖޭގެ މި ތަންތަނުގެ ހަގީގީ މިލްކުވެރިން ކަމަށްވާ ދިވެހި ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުވަތަ ނަފާއެއް ލިބޭ ގޮތަށް ނޫން ކަމަށް މަމްދޫހު ވިދާޅުވިއެވެ. އަދި މިހާރު ހުށަހެޅިފައިވާ ޓެކްސް އިސްލާހުތަކާ އެކު މިކަމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ކަންކަން ތަރުތީބުކުރެވި މިއަށް އަމަލުކުރަން ފެށި، ރަނގަޅަށް އަމަލުކުރަން ފަށައިފި ކަމުގައި ވަންޏާ ގާތްގަނޑަކަށް 1.6 ބިލިއަންގެ އާމްދަނީއެއް ދިވެހިރާއްޖެ ބޭނުންކޮށްގެން ބޭރުގެ ފަރާތްތަކުން ހޯދަމުން ދިޔަ އާމްދަނީގެ ތެރެއިން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ،" މަމްދޫހު ވިދާޅުވިއެވެ.
މަމްދޫހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހަކީ ކުރީގެ ސަރުކާރުތަކުން ގެނައި ފަދައިން ހަމައެކަނި ޓެކްސް ރޭޓު އުފުލުމުގެ ބަދަލެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ބޭރުގެ ފަރާތްތަކުން ރާއްޖެ ބޭނުންކޮށްގެން ހޯދާ ފައިދާއިން ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ގެނެވޭ ބަދަލެކެވެ. އެހެންކަމުން، މި ބިލުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ވީހާވެސް އަވަހަކަށް ފާސްކޮށް އަމަލުކުރަން ފެށުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.