ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކުއްޔާއި ޖޫރިމަނާ ނުދައްކައި ހުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން ވުޒާރާއިން އިއުލާންކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު އެ އިއުލާނުގައި ފާހަގަކޮށްފައިވަނީ ހިންގަމުންދާ ތަންތަނާއި އެ ވުޒާރާގެ ހުއްދައެއް ނެތި އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ތަންތަން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އެ ވުޒާރާއިން ވަނީ ކުއްޔާއި ޖޫރިމަނާގެ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކައި ޚަލާޞްކުރުމަށް އެ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
ނަމަވެސް ސީދާ ކޮން ފިޔަވަޅެއް އެޅުމަށް ނިންމާފައިވާ ކަމެއް އެ އިއުލާނުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ޓޫރިޒަމާ ބެހޭ ޤާނޫނުގެ ދަށުން ކުލި ނުދައްކާ ރިސޯޓުތައް ޖޫރިމަނާކުރެވޭ އިރު ކުލީގެ އެއްބަސްވުން ބާތިލުކޮށް ދައުލަތަށް ރިސޯޓު ނެގުމުގެ ބާރު ވެސް ވުޒާރާއަށް ލިބިދީފައިވެއެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ނުލިބި އޮތް ޢަދަދު 5.7 ބިލިއަން ރުފިޔާއިން ހަ ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ.