ޓޫރިޒަމް މިނިސްޓަރ މުޙައްމަދު އަމީން

ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހިކުރަން މިނިސްޓަރު އަމީން ރަޝިޔާއަށް

މުހައްމަދު ހަމީޒް
 
9 ގަޑިއިރު ކުރިން

ދިވެހިރާއްޖެއާއި ރަޝިޔާއާ ދެމެދު އޮތް ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެޤައުމުގެ ދެމެދުގައި ކުރެވޭ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމުގެ މަޤްޞަދުގައި، ޓޫރިޒަމް މިނިސްޓަރ މުޙައްމަދު އަމީން އިސްވެ ހުންނަވައިގެން ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ރަޝިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

މި މަހުގެ 17 އިން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފަސް ދުވަހުގެ ދަތުރުފުޅުގައި، ރަޝިޔާގެ ވެރިރަށް މޮސްކޯ އަދި ސެންޓް ޕީޓަސްބާގުގައި މުހިންމު މަޝްވަރާތަކާއި ބައްދަލުވުންތައް ބޭއްވުމަށް ވަނީ ރޭވިފައެވެ. 

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ވަފުދުގައި އެ މިނިސްޓްރީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ޤައުމީ އެއާލައިން މޯލްޑިވިއަން އަދި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ރަޝިޔާ ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި ފްލައިޓްތައް އިތުރުކުރުމާއި ޓޫރިޒަމް ގުޅުންތައް ވަރުގަދަކުރުމާ ގުޅޭގޮތުން ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވީ، "ރަޝިޔާއަކީ އަބަދުވެސް ރާއްޖޭގެ ގާތް އެކުވެރިއެއް، އަދި ރާއްޖެ ޚިޔާރުކުރާ ކޮންމެ ފަތުރުވެރިއަކަށް އަޅުގަނޑުމެން ޝުކުރުވެރިވަން،" ކަމަށެވެ. މީގެއިތުރުން މި ދަތުރަކީ ޕާޓްނަރުންގެ އަޑުއަހައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކާ އޮތް ގުޅުން ބަދަހިކޮށް، 'ވިޒިޓް މޯލްޑިވްސް އިޔާ 2027' އަށް އެކުގައި ތައްޔާރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރަޝިޔާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި ބޮޑު ހިއްސާއެއް އަދާކުރާ، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. މި ހިނގާ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމުން 192,453 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 14.7 އިންސައްތަ އެވެ. އަދި ފާއިތުވި އަހަރު ރަޝިޔާއިން 278,761 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މި ދަތުރުފުޅުގެ ތެރޭގައި މޮސްކޯ އަދި ސެންޓް ޕީޓަސްބާގުގެ އިސް ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، ޑިޖިޓަލް ޕްލެޓްފޯމްތައް އަދި ހޮސްޕިޓާލިޓީ ދާއިރާގެ ކުންފުނިތަކާއެކު މަތީ ފަންތީގެ ބައްދަލުވުންތައް ކުރިއަށްދާނެ އެވެ. އަދި ރަޝިޔާގެ ޓްރެވަލް ޓްރޭޑާއި މީޑިއާތަކަށް ޚާއްޞަކޮށްގެން ދެ ނެޓްވޯކިންގ އިވެންޓެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ހުރިހާ ހަރަކާތްތަކަކީވެސް ކުރިއަށް އޮތް ޓްރެވަލް ސީޒަނަށާއި 'ވިޒިޓް މޯލްޑިވްސް އިޔާ 2027' އަށް ތައްޔާރުވުމުގެ ގޮތުން ރޭވިފައިވާ ކަންކަމެވެ.