ގއ. ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓާއި އެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 14 ރިސޯޓުގެ ޢަމަލީ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ފެށޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުމުގައި ޢާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ އެ މަޝްރޫޢު ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އެގޮތުން އެ މަޝްރޫޢު އަންނަ ނޮވެންބަރު މަސް ނިމުގެ ކުރީން ފެށޭނެ ކަމަށެވެ. އެ މަޝްރޫޢު އަލުން ފަށާނީ އައު ކޮންޓްރެކްޓަރަކާއެކު ކަމަށްވެސް ވިދާޅުވި އެވެ.
ގއ. ވިލިނގިލީ ފަޅު ތެރޭގައި ބައިނަލްއަގްވާމީ އެއާޕޯޓްއަކާއި 17 ރިސޯޓް ހަދަން ފުރަތަމަ ހަވާލުކުރީ ބެލްޖިއަމްގެ ބީސިކްސް ގުރޫޕާ އެވެ. އެއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބުރުޖް ހަލީފާ އެޅި ކުންފުންޏެވެ. މި މަޝްރޫއުގެ ދަަށުން ގއ. ވިލިނގިއްޔާއި މި އެއާޕޯޓް އަޅާ ރަށް ކޯޒްވޭއަކުން ގުޅާލަން އޮތީ ނިންމާފަ އެވެ.
ސަރުކާރުން އެ ދުވަހު އާއްމުކުރި ވީޑިއޯ ޕްރެޒެންޓޭޝަންގައިވާ ގޮތުގައި އެއީ، 500-750 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.