މާލެ މަސްމާރުކޭޓާއި ސަލްޠާން ޕާކާއި އާޓިފިޝަލް ބީޗް އަދި ރަސްފަންނު ހިމެނޭ ގޮތަށް، މާލެއާއި ވިލިމާލޭގެ މުހިންމު 14 ބިމެއް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރަން ނިންމައިފި އެވެ.
މި ނިންމުން ނިންމާފައިވަނީ ހައުސިން މިނިސްޓްރީންނެވެ.
ހައުސިންގ މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށަށް މި ބިންތައް ގެންދަނީ މާލެ ސަރަޙައްދުގެ އާބާދީ އިތުރުވަމުންދާތީ، އުމްރާނީ ތަރައްޤީ ފުޅާކުރުމަށާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށެވެ. އަދި މި ބިންތައް ބަދަލުކުރުމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ޚިޔާލެއް އޮތްނަމަ ހުށަހެޅުމަށް މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތެއްދީފައިވެ އެވެ.
ބިންތަކުގައި ހިންގަން ކަނޑައަޅާފައިވާ މަޝްރޫޢުތައް
ހައުސިންގ މިނިސްޓްރީން ޢާންމުކުރި ލިސްޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ބިންތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަކީ:
ސަލްޓަން ޕާކާއި ޤައުމީ ދާރުލްއާޘާރު (ބްލޮކް 158): އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ތަރައްޤީކުރުން.
މަސްމާރުކޭޓު (ބްލޮކް 185): އޮފީހާއި ވިޔަފާރި އިމާރާތެއް އެޅުން.
މަސްމާރުކޭޓު ކައިރިން ހިއްކި ސަރަޙައްދު (ބްލޮކް 180): ޒަމާނީ ފެންވަރުގެ ވެޓް މާކެޓް ކޮމްޕްލެކްސެއް ޤާއިމުކުރުން.
ދަތުރުވެރިންގެ މާރުކޭޓު / ލޯކަލް މާކެޓް (ބްލޮކް 207): އެކި ބޭނުންތައް ހިމެނޭ ވިޔަފާރި ތަރައްޤީގެ މަޝްރޫޢެއް.
ހުސްބިން / ސިޓީ ކައުންސިލް އެކޮމޮޑޭޝަން (ބްލޮކް 350): މުވައްޒަފުންގެ އެކޮމޮޑޭޝަނާއި ޕަބްލިކް ވޯކްސްގެ ގުދަން.
ޤައުމީ ކުތުބުޚާނާ ހުރި ބިން / ވިޔަފާރިވެރިންގެ ޖަމްޢިއްޔާ (ބްލޮކް 354): ކުޑަކުދިންގެ ޙަރަކާތްތަކަށް ޚާއްޞަ މަރުކަޒަކާއި ޑޭކެއަރ ސެންޓަރެއް.
ކާނިވާ ސަރަޙައްދު (ބްލޮކް 1): މުނިފޫހިފިލުވުމާއި ވިޔަފާރީގެ ބޭނުންތައް ހިމެނޭ ތަރައްޤީ.
އާޓިފިޝަލް ބީޗް (ބްލޮކް 1): ޢާންމު މުނިފޫހިފިލުވުމުގެ ޚިދުމަތްތައް އަޕްގްރޭޑްކޮށް އަލުން ތަރައްޤީކުރުން.
މަސްވެރިންގެ މައިޒާން (ބްލޮކް 56): އެމްޑަބްލިއުއެސްސީގެ ޕަންޕް ސްޓޭޝަންގެ ޚިދުމަތްތައް ބެލެހެއްޓުން.
ތައިސޭ ކޯށި (ބްލޮކް 358، 362، 369): މާލޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ވަގުތީ ވޯކްސައިޓެއްގެ ގޮތުގައި ބޭނުންކުރުން.
ޕޭ ޓޮއިލެޓް ނަންބަރު 2 (ބްލޮކް 57): ޢާންމު ފާޚާނާގެ ޚިދުމަތް ޒަމާނީ ފެންވަރަށް ބަދަލުކުރުން.
ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ހުރި ހުސްބިން (ބްލޮކް 352): އިލެކްޓްރިކް ވެހިކަލް (އީވީ) ޗާޖިންގ ފެސިލިޓީ ޤާއިމުކުރުން.
ބޮނޑިބަތް ޕާކު (ބްލޮކް 294): ގިނަ ފަންގިފިލާތަކުގެ ޕާކިންގ އިމާރާތަކާއި ވިޔަފާރި ޖާގަ ތަރައްޤީކުރުން.
ރަސްފަންނު ބީޗް: ރަސްފަންނު ސަރަޙައްދު އިތުރަށް ފުރިހަމަކޮށް ބެލެހެއްޓުން.
ސަރުކާރުގެ މި ނިންމުމަކީ ލާމަރުކަޒީ ޤާނޫނަށް މިދިޔަ މަހު ގެނައި އިޞްލާޙާ ގުޅިގެން ނިންމާފައިވާ ނިންމުމެކެވެ. އެ އިޞްލާޙުގެ ދަށުން، ދައުލަތުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ބިންތައް ދައުލަތަށް ނެގުމުގެ އިޚްތިޔާރު ވަޒީރުންގެ މަޖިލީހަށް ލިބިދެ އެވެ.
އިޞްލާޙުކުރެވުނު ޤާނޫނުގައިވާ ގޮތުން، ބިން ބަދަލުކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް އޮތް ނަމަވެސް، އެކަމުގައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާއާތުތަކެއް ވެއެވެ. އޭގެ ތެރޭގައި ކަމާބެހޭ ކައުންސިލާއެކު ރަސްމީކޮށް މަޝްވަރާކުރުން ހިމެނެ އެވެ. އަދި އެ ބިމެއްގައި ކައުންސިލަކުން ނުވަތަ އަމިއްލަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ، މިނިސްޓްރީ އޮފް ފައިނޭންސް މެދުވެރިކޮށް އިންޞާފުވެރި ބަދަލެއް ހޯދުމަށް އެދި ހުށަހެޅޭނެ އިންތިޒާމުވެސް ޤާނޫނުގައި ކަނޑައަޅާފައިވެ އެވެ.