މިނިސްޓަރުންނާ ސުވާލު ކުރަން ކުރިއަށް ގެންދާ "އަހާ" ގެ 9 ވަނަ ފޯރަމް މިރޭ ގެނެސްދޭން ހަމަޖެހިއްޖެ އެވެ.
މި ފޯރަމަކީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ގެނެސްދޭ ފޯރަމެކެވެ. ފޯރަމްގެ މަޤުޞަދަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާ ވެސް ތަފްޞީލުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމެވެ.
މިރޭގެ ފޯރަމްގައި ވެސް ތިން މިނިސްޓަރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުގެ އިތުރުން ތިމާވެއްޓާ ބެހޭ މިނިސްޓަރު އަލީ ޝަރީފެވެ.
ފޯރަމް އޮންނާނީ މިރޭ 9:00 ގައި، ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގަ އެވެ.
ފޯރަމްގައި ބައިވެރިވުމަށް ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލު ކުރެވޭނެ އެވެ. މީގެ އިތުރުން ފޯރަމް ކުރިއަށްދާ ވަގުތު، ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއާ އެޕް މެދުވެރިކޮށް ވެސް މިނިސްޓަރުންނާ ސުވާލު ކުރެވޭނެ އެވެ ފޯރަމް ދެ ގަޑިއިރަށް ކުރިއަށް ގެންދާނެ އެވެ.
އަހަރަކަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް "އަހާ" ފޯރަމް އަލުން ބާއްވަން ފެށީ މިދިޔަ މަހުގެ 27 އިން ފެށިގެންވެ. އަހާގެ 8 ވަނަ ފޯރަމް ބޭއްވީ މި މަހުގެ 4 ގަ އެވެ.
"އަހާ" ފޯރަމް ފުރަތަމަ ބޭއްވީ ޖެނުއަރީ 25، 2024 ގަ އެވެ.