ނުވަވަނަ އަހާ ފޯރަމް މިރޭ ބާއްވަނީ

މުހައްމަދު ހަމީޒް
 
14 ގަޑިއިރު ކުރިން

ސަރުކާރުގެ ވުޒާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތަފުސީލު ހާމަކޮށް، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބުދިނުމަށް ބާއްވާ "އަހާ" ޕަބްލިކް ފޯރަމް ސިލްސިލާގެ ނުވަވަނަ ބައްދަލުވުން މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ފޯރަމް ކުރިއަށްދާނީ މިރޭ 21:00 ގައި ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ.

ޖުމްލަ ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމްގައި ސަރުކާރުގެ ތިން ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ އިތުރުން، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ، ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު އާންމުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ސަލްޓަން ޕާކަށް ހާޒިރުވެގެން ސީދާ ސުވާލުކުރުމުގެ އިތުރުން، ފޯރަމް ކުރިއަށްދާ ވަގުތު ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ވެސް ވަޒީރުންގެ ދާއިރާތަކާ ގުޅޭގޮތުން ސުވާލު ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

"އަހާ" ފޯރަމްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ 25 ގައެވެ. މިހާތަނަށް މި ސިލްސިލާގެ އަށް ފޯރަމެއް ބާއްވާފައިވާއިރު، މިއީ ސަރުކާރުގެ ސިޔާސަތުތަކާއި ހިންގުމުގެ ދުވެލި ރައްޔިތުންނާ ގާތުން ހިއްސާކޮށް، ދިމާވާ ދަތިތަކަށް ސަރުކާރުން ގެންގުޅޭ ޙައްލުތައް އޮޅުންފިލުވައިދިނުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

މީގެއިތުރުން އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް މި ފޯރަމްގައި ބައިވެރިވެ، ވަޒީރުންނަށް ސުވާލު ކުރުމުގެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ.