އުވާލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރި މުހައްމަދު އަފީފް ހުސައިން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރަކަށް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި އިބްރާހީމް ނަޒީމް، މިނިސްޓްރީ އޮފް ސްޕޯޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރައްވައިފި އެވެ.
އަފީފް ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރީ ސަރުކާރުން އެ ކުންފުނި އުވާލަން ނިންމާފައިވާތީ އެވެ. އަފީފަކީ މި ސަރުކާރުގައި ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި ތިންވަނަ ބޭފުޅާ އެވެ. މީގެ ކުރިން އެ މަގާމު ފުރުއްވީ މުއާޒް މުހައްމަދު ރަޝީދާއި މުހައްމަދު ނަޖާހު އެވެ.
ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަން އުވާލައި، ސްޓެލްކޯގެ ބެލުމުގެ ދަށަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ބަދަލުކުރަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު އެވެ. ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ފެނަކައިގެ ނަމުގައި ހިންގާފައިވާ ޖަރީމާތައް އޮޑިޓާ ޖެނަރަލް އޮފީހުގެ ރިޕޯޓުން ހާމަވާ ކަމަށާއި، ފަންނީ ބޭފުޅުންގެ ލަފާގެ މަތިން ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކުންފުންޏެއް ނޫން ކަމަށް ބެލެވޭތީ އެ ކުންފުނި އުވާލަން ނިންމެވީ ކަމަށެވެ.
ފެނަކައިގެ ޗެއާމަންކަންވެސް ކުރިން ކުރެއްވި އަފީފް ވަނީ އެ ކުންފުންޏާ އަލުން ހަވާލުވެ، ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް މުވައްޒަފުންގެ އަދަދު މަދުކުރުމާއި އިންޖީނުގެތަކުގެ ހާލަތު ދެނެގަތުމުގެ ސާވޭތައް ހިންގެވުމުގައި އިސްކޮށް އުޅުއްވާފަ އެވެ.
މީގެ އިތުރުން، އާރުޑީސީގެ އެމްޑީގެ މަގާމުން އިއްޔެ ވަކިކުރި އިބްރާހީމް ނަޒީމް ވަނީ އޭނާ ކުރިން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފަ އެވެ. އާރުޑީސީން ނަޒީމް ވަކިކުރީވެސް އެ ކުންފުނި އުވާލައި، މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. ވަގުތީ ގޮތުން އާރުޑީސީ ހިންގުން ހަވާލުކުރީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާ އެވެ.
ރާއްޖޭގެ ރަށްރަށުގެ މަގުތައް ތަރައްގީ ކުރުމަށް މީގެ ހަ އަހަރު ކުރިން އުފެއްދި އާރުޑީސީ އުވާލަން ނިންމެވިކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
ނަޒީމަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި ޔޫތު މިނިސްޓްރީގެ އެކި މަގާމުތައް 17 އަހަރު ވަންދެން ފުރުއްވާފައިވާ، ކުޅިވަރުގެ ދާއިރާއަށް ހާއްސަ ބޭފުޅެކެވެ. އޭނާ ވަނީ 1996 ވަނަ އަހަރު ބީޗް ވޮލީގެ ބައިނަލްއަގުވާމީ ރެފްރީ ކޯސް ފުރިހަމަކުރެއްވުމަށްފަހު ވޯލްޑް ޓުއާގައި ރެފްރީކަން ކުރައްވާފަ އެވެ. މީގެ އިތުރުން، އޭނާގެ ކެރިއަރުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައިވެ އެވެ.
ދައުލަތުގެ މާލީ ހާލަތު ހަރުދަނާކުރުމަށާއި، ދައުލަތުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކުރާ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ބޮޑެތި އިސްލާހީ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. މީގެ ތެރެއިން އެންމެ މުހިންމު ފިޔަވަޅަކީ އެއްގޮތް މަސައްކަތްތަކެއް ކުރާ އަދި މާލީ ގޮތުން ބޮޑެތި ދަރަނިތަކެއް އޮތް ކުންފުނިތައް އުވާލައި، އެ ކުންފުނިތަކުގެ އޮޕަރޭޝަންތައް ހިންގުންތެރިކަން ބޮޑު މައި ކުންފުނިތަކުގެ ދަށަށް ބަދަލުކުރުމެވެ.