ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން، އިބްރާޙިމް ނަޒީމް ވަކިކޮށް، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސަޢުދީ އައްޔަނުކޮށްފިއެވެ.
ޕީސީބީ އިން ބުނީ މިބަދަލު ގެނައީ އިއްޔެ ކަމަށެވެ.
ސަރުކާރުން ވަނީ އާރްޑީސީ އުވާލައި، އެމްޓީސީސީއާގެ ދަށަށް އެކުންފުނީގެ މަސައްކަތްތައް ބަދަލުކުރަން ނިންމާފައެވެ. އާރްޑީސީ އުވާލައި، އެ ކުންފުނިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއަށް ބަދަލުކުރަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިޢުލާންކުރެއްވީ ސެޕްޓެމްބަރު މަހުއެވެ.
މި ބަދަލުގެ ސަބަބުން މަޝްރޫއުތައް އަވަސްވެ، ކުންފުނި ހިންގުމުގެ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އާރްޑީސީން ހިންގަމުންދިޔަ މަގުހެދުމުގެ މަޝްރޫއުތަކާއި ސިއްހީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް މިހާރު ދަނީ އެމްޓީސީސީއަށް ބަދަލުކުރެވެމުންނެވެ.
މިބަދަލާއިއެކު އާރްޑީސީގެ 4000 ވަރަކަށް މުވައްޒަފުން އެމްޓީސީސީގެ ދަށަށް ބަދަލުވެގެން ދާނެއެވެ.