ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން | ފޮޓޯ: މަޖްލިސް

70 މެމްބަރުގެ ވޯޓާއެކު ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޖީއެސްޓީ ނެގުމުގެ ބިލް ބަލައިގަނެ ކޮމިޓީއަށް

މުހައްމަދު ހަމީޒް
 
10 ގަޑިއިރު ކުރިން

ރާއްޖެއިން ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުން ޖީއެސްޓީ ނެގުމަށްޓަކައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހެޅި އިސްލާޙުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ ތެރެއިން 70 މެންބަރުންގެ ތާއީދާއެކުގައެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ. މި އިސްލާޙުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ޓެކްސް ނިޒާމުގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ފުރިހަމައަށް ތަންފީޛުކޮށް، ބޭރުގެ އޮންލައިން ބުކިންގ ޕްލެޓްފޯމްތަކާއި، ފޮރިން ޓުއާ އޮޕަރޭޓަރުން އަދި ރާއްޖެއިން ބޭރުގެ ޓްރެވަލް އެޖެންޓުން ދޭ ޚިދުމަތްތަކުން ޓެކްސް ނެގުމެވެ.

މި ބިލުގައިވާ ގޮތުން، މި ފަރާތްތަކަކީ ރާއްޖޭގައި ޤާއިމުވެފައިވާ ތަންތަން ކަމުގައި ނުވާތީ، ޖީއެސްޓީ ރަޖިސްޓްރޭޝަނާއި ޓެކްސް ބަލައިގަތުމުގެ އެންމެހައި އިންތިޒާމުތައް މީރާ މެދުވެރިކޮށް ލުއިފަސޭހަކަމާއެކު ހަމަޖެއްސުމަށް ވަނީ ކަނޑައަޅާފައެވެ. މި އާ ނިޒާމު ތަންފީޛުކުރަން ފެށުމުން ދައުލަތަށް އަހަރަކު ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ތެރޭގައި ފޮރިން ޓުއާ އޮޕަރޭޓަރުންގެ އަތުން 1.3 ބިލިއަން ރުފިޔާ އަދި ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން 299.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

މި ނިޒާމު ޤާއިމުކުރުމަށް އެއްފަހަރާ ކުރަންޖެހޭ ޚަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ ހިނގާނެ ކަމަށާއި، އަހަރީ މުވައްޒަފުންނާއި އިދާރީ ހިންގުމުގެ ޚަރަދަށް 5.1 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ބަހުސް މަރުޙަލާގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވީ، މަޖިލީހުން މި ބިލު ފާސްކުރާނީ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ. މި އިސްލާޙު މަޖިލީހުން ފާސްވެއްޖެނަމަ، ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.