ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން އެކުލަވާލާ ހާއްސަ ބިލު، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭޖީ އުޝާމް ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރަންވާނީ ވަރުގަދަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މީގެ ކުރިން މިކަމަށް ގަވާއިދެއް އެކުލަވާލާފައި އޮތް ނަމަވެސް، އެފަދަ ބޮޑު ކަމެއް ހަމައެކަނި ގަވާއިދެއްގެ ދަށުން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އުޝާމް ވިދާޅުވީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުގެ ތެރޭގައި ބިލު ހުށަހެޅުމަށް ކުރިން މަސައްކަތް ކުރި ނަމަވެސް، މި ދައުރު މިމަހުގެ މެދުތެރޭގައި ނިމޭތީ އެކަން ކުރެވެން ނެތް ކަމަށެވެ. އެހެންކަމުން، ޖޫން މަހުގެ އެއްވަނަ ދުވަހު ފެށޭ މަޖިލީހުގެ ދެވަނަ ދައުރުގެ ކުރީކޮޅު މި ބިލު މަޖިލީހަށް ހުށަހެޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ބިލުގެ ވަރަށް ބޮޑު މަސައްކަތެއް މިހާރު އޮތީ ނިމިފައި. އެކަމަކު މިކަމުގެ ބާވަތުން ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި. ހާއްސަކޮށް ދީނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ ޕްރޮސެސް މިހާރު ކުރިއަށްދަނީ،" އޭޖީ ވިދާޅުވިއެވެ.
އޭޖީ އިތުރަށް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ފެންވަރުގައި ބަލާއިރު ނުހަނު ބޮޑު ކަމަކަށް ވާތީ، އެކަމަށް ބޭނުންވާ "ސައުންޑް ލީގަލް ފްރޭމްވޯކް" އެކުލަވާލުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. މި ބިލު މަޖިލީހަށް ހުށަހަޅާނީ ދީނީ އަދި ގާނޫނީ ހުރިހާ ދާއިރާއަކުން ފުރިހަމައަށް ދިރާސާ ކުރުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.