ބަންޑާރަ ނައިބުގެ އޮފީސް (އޭޖީ)ގެ ހިދުމަތްތައް ޒަމާނީކޮށް، ގާނޫނީ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ހިމަނައިގެން އުފައްދާފައިވާ އާ ވެބްސައިޓެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
އޭޖީ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމީ ޖަލްސާގައި މި ވެބްސައިޓާއެކު "އަލިމަސް ޔޫބީލް ހަނދާނީ ފޮތް" ރައީސް ވަނީ ނެރެދެއްވާފައެވެ.
އޭޖީ އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި މި ވެބްސައިޓަކީ ހުރިހާ ގޮތަކުންވެސް ފަސޭހަވެގެންދާނެ ގޮތަކަށް ފަރުމާކުރެވިފައިވާ ވެބްސައިޓެކެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަލުވިކަމާއިއެކު މައުލޫމާތާއި، ލިޔެކިޔުންތައް ފަސޭހައިން ބަލާލެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް އެ އޮފީހުން ފާހަގަކުރެއްވިއެވެ.
މި ވެބްސައިޓްގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ގާނޫނީ މައުލޫމާތު ފޯރުކޮށްދޭނެ އޭއައި ފީޗާއެއް އެކުލެވިފައިވުމެވެ. މިއީ ރާއްޖޭގައި ސަރުކާރުގެ މުއައްސަސާއެއްގެ ވެބްސައިޓެއްގައި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީތެރިކަމާއެކު، ޗެޓްގެ ޒަރީއާއިން ގާނޫނީ މައުލޫމާތު ލިބޭނެގޮތް މަގުފަހިކުރެވުނު ފުރަތަމަ ފަހަރެވެ.
މިރޭގެ ރަސްމިއްޔާތުގައި ބަންޑާރަނައިބުގެ އޮފީހަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ރައީސް އިނާމް ހަވާލުކޮށްދެއްވިއެވެ. އަދި 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަށް ޚިދުމަތްކުރި މުވައްޒަފުންނަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވަނީ އިނާމު ހަވާލުކޮށްދެއްވާފައެވެ.