ރައީސްގެ ސްކޮލަޝިޕްތަކަށް ހުޅުވާލައިފި

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ހައި އެޗީވާސް ސްކޮލަޝިޕާއި، ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުން ބޭނުން ދާއިރާއަކުން ކޯސް ކުރިއަށް ގެންދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ސްކޮލަޝިޕްތަކަށް ކުރަތިލެވޭނީ މިދިޔަ އަހަރު އޭ ލެވެލް ހެދި ދަރިވަރުންނަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހައި އެޗީވާސް ސްކޮލަޝިޕާއި، ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ސެޕްޓެންބަރު 30 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ސްކޮލަޝިޕްތަކަށް އެޕްލައި ކުރާނީ މިނިސްޓްރީގެ "ކުރި" ޕޯޓަލް މެދުވެރިކޮށެވެ.

ހައި އެޗީވާސް ސްކޮލަޝިޕަށް ހޮވޭ ދަރިވަރުން ރާއްޖޭގައި ކިޔަވާ ނަމަ ސްޓައިޕެންޑުގެ އިތުރުން 6،000ރ. ގެ އެލަވަންސެއް ދޭން މި އަހަރު ވަނީ ނިންމައިފަ އެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ އުސޫލަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މީގެ ކުރިން ހައި އެޗީވާސް ސްކޮލަޝިޕް ލިބެނީ އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނެއްގައި ދިވެއްސާއި އިސްލާމް ހިމެނޭހެން ޖުމްލަ ފަސް މާއްދާ އިން އޭ ލިބޭ ދަރިވަރުންނަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން މަދުވެގެން އެއް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ހައި އެޗީވާސް ސްކޮލަޝިޕް ލިބޭނެ އެވެ.

ރައީސްގެ ސްކޮލަޝިޕް ލިބެނީ މަތީ ސާނަވީ އިމްތިހާނުން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް ފަސް މާއްދާ އިން އޭ ސްޓާ ހޯދައި، އޯ ލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސިން ސީ އަށް ވުރެ މަތީ ފާސްވާ ދަރިވަރުންނަށެވެ. އަދި އެ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު އޮންނާނެ އެވެ.