ޒުވާނުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން 250 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ރަސްމީކޮށް އިއުލާން ކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާއެވެ.
މި މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 250 މިލިއަން ރުފިޔާގެ އެސް.އީ.އެމް.އީ ލޯނު ތަކެކެވެ. މީގެ އިތުރުން، 50 މިލިއަން ރުފިޔާގެ އެސް.އީ ޑިޖިޓަލް ލޯނު ފެސިލިޓީސްތަކެއް ވެސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ މައިގަނޑު ބޭނުމަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "މީގެ ބޭނުމަކީ ޒުވާނުންނަށް، ޚާއްޞަކޮށް އަދި ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް ޕްރައިވެޓް ސެކްޓަރ ތެރޭގައި މި މަސައްކަތް ކުރުމުގެ ޖާގަ ފުޅާކުރުން" ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކި ކަހަލަ ވިޔަފާރިތަކަށް އަމާޒުކޮށް މިފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލީ އެހީތެރިކަމުގެ އިތުރުން، ދައުލަތުގެ އެކި ފަންތިތަކުގައި ޒުވާނުންގެ ބަސްބުނުމުގެ ފުރުސަތު އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ ތެރޭގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ލޯނު ފެސިލިޓީތަކުގެ ސަބަބުން އަމިއްލަ މަސައްކަތް ކުރާ ޒުވާނުންނަށް އާ އުސްމިންތަކަކަށް ދިއުމުގެ މަގު ފަހިވެ، ރާއްޖޭގެ އިގްތިސާދުގައި އަމިއްލަ ފަރާތްތަކުގެ ދައުރު މިހާރަށްވުރެ ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.