ރައީސް ޑރ. މުޙައްމަދު މުޢިއްޒު | ފޮޓޯ: ރައީސް އޮފީސް

ބުލީކުރުން ކުށަކަށް ހެދުމަށް ޚާއްޞަ ޤާނޫނެއް ވުޖޫދަށް ގެންނަނީ

މުހައްމަދު ހަމީޒް
 
4 ގަޑިއިރު ކުރިން

ބުލީކުރުމަކީ ޤާނޫނީގޮތުން ކުށެއްކަމުގައި ކަނޑައަޅައި، އެފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި ޚާއްޞަ "އެންޓި-ބުލީން" ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ފަށާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

މި ބިލު ފަރުމާކުރުމުގެ މަސައްކަތް ކަމާބެހޭ ފަންނީ ތަޖުރިބާކާރުންގެ ލަފަޔާ އެކު ސަރުކާރުން ކުރިއަށްގެންދަވާއިރު، އެ މަސައްކަތުގެ ހުރިހާ މަޝްވަރާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައި ވެސް ގަނާކުރުމާއި ފުރައްސާރަކުރުމަކީ ބޮޑުވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ އައު ޤާނޫނުގެ މައިގަނޑު ބޭނުމަކީ މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، މުޖުތަމަޢު ރައްކާތެރިކުރުން ކަމަށެވެ.

އަލަށް ތަޢާރަފުކުރެވޭ މި ޤާނޫނުގެ ދަށުން ބުލީކުރުމުގެ ޢަމަލުތަކަކީ ކޮބައިކަން ވަރަށް ސާފުކޮށް ބަޔާންކުރެވި، ޤާނޫނު ތަންފީޒުކުރެވޭނެ ދާއިރާތައް ކަނޑައެޅިގެންދާނެއެވެ. މީގެ ތެރޭގައި، ސްކޫލްތަކާއި ތަޢުލީމުދޭ މުއައްސަސާތަކުގެ އިތުރުން ވަޒީފާ އަދާކުރާ މާޙައުލުތަކުގައި ހިނގާ މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓުވުމަށް ޤާނޫނީގޮތުން ބޮޑު ބާރުވެރިކަމެއް ލިބިގެންދާނެއެވެ.

އޮންލައިންކޮށް މީހުންނަށް ފުރައްސާރަކުރުން ހުއްޓުވުމުގެ ގޮތުން ނިމިދިޔަ 2024ވަނަ އަހަރު ޤާނޫނުލްޢުޤޫބާތަށް ވެސް މުހިންމު އިޞްލާޙުތަކެއް ގެނެސްފައިވާކަން ރައީސް ވަނީ ހަނދާންކޮށްދެއްވާފައެވެ. ނަމަވެސް، ފަރުމާކުރެވެމުންދާ އައު ޤާނޫނަކީ ބުލީކުރުން މުޅިން ހުއްޓުވުމަށާއި، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މަގުފަހިކޮށްދޭނެ މުހިންމު ނިޒާމެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.