ރައީސް ނަޝީދާއި ރައީސް މުއިއްޒު

ސަރުކާރުގެ ހަރަދުތައް އަދިވެސް ހުރީ އިސްރާފު ބޮޑުކޮށް

މުހައްމަދު ހަމީޒް
 
4 ގަޑިއިރު ކުރިން

ސަރުކާރުގެ ހަރަދުތައް އަދިވެސް ހުރީ އިސްރާފު ބޮޑުކޮށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ މި ސަރުކާރުން މީގެ ދޮޅު އަހަރުކުރިން އިންޑިއާގެ ރިޒާވު ބޭންކުން ނެގި ޑޮލަރު ސްވޮޕް ފެސިލިޓީ ދެއްކުމުން އޭގެ ބަދަލުގައި 30 ބިލިއަން އިންޑިއަން ރުޕީސްގެ ފެސިލިޓީ ބޭނުންކުރަން ހުއްދަ ދިނުމުން އެ ގައުމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ނަޝީދު ވިދާޅުވީ މިއީ އާންމުކޮށް ގައުމުތަކުން 'ސްވެޕް' އެއްބަސްވުންތައް ކުރިއަށްގެންދާ އުސޫލުން، ދަރަނި ދައްކަންޖެހޭ މުއްދަތު ހަމަވުމުން އެ ދަރަނި އައު ދަރަންޏަކަށް ބަދަލުކޮށް، ފައިސާގެ މުއާމަލާތް ހަމަޖެއްސުމެއް ކަމަށާއި ނަމަވެސް، ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސަރުކާރުން ހަރުދަނާ ޕްލޭނެއް އެކުލަވައިލުން ކޮންމެހެން ބޭނުންތެރި ކަމަށެވެ.

"ފަތުރުވެރިކަމުން ލިބޭ އާމްދަނީ 30 އިންސައްތަ ދަށަށް ގޮސްފައިވީ ނަމަވެސް، ސަރުކާރުގެ ހަރަދުތައް އަދިވެސް ހުރީ އިސްރާފު ބޮޑުކޮށް، ނުތަނަވަސްވާހާ މަތީ މިންވަރެއްގައި،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި ސުވޮޕް ފެސިލިޓީގެ ސަބަބުން، ހުޅަނގު އޭޝިއާގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖޭގެ އިގުތިސާދީ ހަމަޖެހުން އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން ގެންގުޅޭ ފުޅާ ސިޔާސަތުތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި 2017-2024 ގެ އޮނިގަނޑުގެ ދަށުން ހަމަޖެހިފައިވާ މި ފެސިލިޓީއަކީ ލުއި ފަސޭހަ އުސޫލުތަކެއް ހިމެނޭ، ނަތީޖާ ނެރެދެވޭނެ ފަދަ އިންތިޒާމެއް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބަޖެޓަށް އެހީވުމަށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލުގެ ތެރެއިން، މިހާތަނަށް 50 މިލިއަން ޑޮލަރު ސަރުކާރުން ވަނީ އަނބުރާ ދައްކާފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ސުވޮޕް ފެސިލިޓީ ހަމަޖެހިގެން ދިއުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ދިގުދެމިގެންވާ ގާތް ގުޅުން ރަނގަޅުކަމުގެ ހެއްކެއް ކަމަށެވެ. އަދި މިއީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން އެ ގައުމުން ރާއްޖެއަށް ދެމުންގެންދާ މެދުކެނޑުމެއްނެތް އެއްބާރުލުން ހާމަކޮށްދޭ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.