ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު | ފޮޓޯ: ރައިސް އޮފީސް

ސަރުކަރުގެ އެސްއޯއީތަކުން މުވައްޒަފުން މަދުކުރުމަށް ވަނީ އަންގާފައި: ރައީސް މުއިއްޒު

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިޞްލާޙުކުރުމުގެ މަސައްކަތުގެ ތެރެއިން، އެ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު މަދުކުރުމަށް އަންގާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ނިންމުމަކީ ކުންފުނިތައް ހިންގުމުގައި ހުރި ދަތިތައް ހައްލުކޮށް، ހިންގުން ހަރުދަނާކުރުމަށް އަޅާ ފިޔަވަޅެކެވެ. މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކަށް ވަރަށް ގިނަ އިޞްލާޙީ އަދި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، "ދެން ހަމަ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތަށް. ދެން ކުންފުނިތަކުގައި އޮންނަ އިޖުރާއަތްތަކާ އެއްގޮތަށް އެ ހުރިހާ ކަމެއް ގެންދާނެ،" ކަމަށެވެ.

ސަރުކާރުގެ މި ނިންމުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ފައިދާވާ ތަންތަނަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ބެލެވެއެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ވަނީ ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރައްވާފައެވެ.