ރައީސް ޑރ. މުހައްމަދު މުއިއްޒު | ފޮޓޯ: ރައީސް އޮފީސް

އިދިކޮޅާ މަޝްވަރާ ކުރާކަށް ނުޖެހޭ: ރައީސް

މުހައްމަދު ހަމީޒް
 
4 ދުވަސް ކުރިން

ސަރުކާރުގެ ކަންކަމާ ގުޅޭ ގޮތުން ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އިދިކޮޅު ޕާޓީތަކާ މަޝްވަރާ ކުރުމަކީ ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ މެންޑޭޓުން ބޭރު ކަމެއް ކަމަށެވެ. އަދި ރައްޔިތުން ވެރިކަން ހަވާލުކުރެއްވީ އެ މަނިކުފާނުގެ މެނިފެސްޓޯ އާއި ވައުދުތައް ފުއްދުމަށް ކަމަށް ވިދާޅުވި އެވެ.

އެހެންވެ އި ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވާނީ ރައްޔިތުން ހަވާލުކުރި މަސައްކަތް ނިންމުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ. އަޅުގަނޑު އިއުލާންކުރި މެނިފެސްޓޯ އާއި ވައުދުތަކާ އެއްގޮތަށް ކަންކަން ކުރަން،" ރައީސް ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑު ދާނީ ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މަސައްކަތައިގެން ކުރިއަށް."

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ގާނޫނުއަސާސީ އާއި ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ، އި އެކަމުގެ ބަހުސް ކުރަން މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެބޭފުޅުން ގެންނަން ބޭނުންވެވަޑައިގަންނަވާ ނިޒާމީ ބަދަލުތަކެއް އިއްޔެ އާންމު ކުރައްވައި، އެ ބަދަލުތައް ގެނައުމަށްޓަކައި ސަރުކާރުން މަޝްވަރާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.