ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ސިޔާސީ މުވައްޒަފުންގެ ފެންވަރު ބަލާ، މަސައްކަތް ދަށް މީހުން ވަކިކުރަނީ

މުހައްމަދު ހަމީޒް
 
7 ގަޑިއިރު ކުރިން

މިނިސްޓްރީތަކުގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު، ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލައި، އިވެލުއޭޝަންތައް ނިމެމުންދާ ވަރަކަށް މުވައްޒަފުން ވަކިކުރުމާއި އަލުން މަސައްކަތްތަކަށް އެސައިން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މައުލޫމތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ތިބި ސިޔާސީ މުވައްޒިފުންގެ މައުލޫމާތު ހޯދުމަށް ލިޔުމުން، އެ މިނިސްޓްރީން ދިން ޖަވާބެއް އަންނަނީ ސޯޝަލް މީޑިއާގަ ދައުރުވަމުންނެވެ. އެ ލިޔުމުގައިވާގޮތުން މިނިސްޓަރު ފިޔަވައި، މިވަގުތު އެ މިނިސްޓްރީގަ އެއްވެސް ސިޔާސީ މުވައްޒިފަކު ނެތެވެ. 

ސަރުކާރުގެ އިސް ތަރުޖަމާންކަމަށް ރޭގަ އައްޔަންކުރެވުނު މުންދު ވިދާޅުވީ، ގާތްގަނޑަކަށް ހުރިހާ މިނިސްޓްރީތަކެއްގެ މެންޑޭޓަށް އައި ބަދަލާއެކު ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ރައީސް އޮފީހުން އަންގައިގެން ހުރިހާ ސިޔާސީ މުވައްޒަފުންގެ ޕާފޯމެންސް ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީތަކުން ކުރަމުންދާ ކަމަށެވެ. މުވައްޒަފުންގެ ޕާފޯމެންސް ރިޕޯޓަކީ ކޮންމެ އަހަރަކުވެސް ހަދަމުން އަންނަ އެއްޗެއް ކަމަށާއި، މިއީ އަލަށް ކުރާ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި އިވެލުއޭޝަންތަކާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ހުރިހާ ރިޕޯޓެއް ލިބި އިވެލުއޭޝަންތައް އެއްކޮށް ނިމެންދެން ސަރުކާރުން މަޑުނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި، ރިޕޯޓްތައް ލިބި އިވެލުއޭޝަންތައް ނިމެމުންދާ ވަރަކަށް މުވައްޒަފުން ވަކިކުރުމާއި އެކި ތަންތަނަށް އެސައިން ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް މުންދު ވިދާޅުވި އެވެ. އެގޮތުން މަސައްކަތުގެ ފެންވަރު ދަށް މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ވުޒާރާތައް އެއްކޮށްލުމުން މުވައްޒަފުން ބަހާލަންޖެހޭ ގޮތުގެ މިސާލެއް ދައްކަވަމުން މުންދު ވިދާޅުވީ، ކުރިން އޮތް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީ ދެބަޔަކަށް ބައިވެފައިވާ ކަމަށެވެ. އެގޮތުން ސިވިލް އޭވިއޭޝަން ދާއިރާ ޓޫރިޒަމް މިނިސްޓްރީއާ ގުޅުވާލާފައިވާއިރު، ޓްރާންސްޕޯޓް ދާއިރާ ވަނީ އިކޮނޮމިކް މިނިސްޓްރީއާ ގުޅުވާލާފަ އެވެ. އެހެންކަމުން، އެ މިނިސްޓްރީގައި ކުރިން ތިބި މުވައްޒަފުން އެ ދެ މިނިސްޓްރީއަށް ބަހާލުމުގެ މަސައްކަތް ކުރާނީ މި އިވެލުއޭޝަން މަރުހަލާގެ ތެރެއިންނެވެ.

މީގެ އިތުރުން މުންދު ފާހަގަކުރެއްވީ، ރައީސް އޮފީހުން މަސައްކަތް ކުރަމުން ދަނީ ވަކި އަދަދެއް ކަނޑައަޅައިގެން އެ އަދަދަށް މީހުން ވަކިކުރާކަށް ނޫން ކަމަށެވެ. ސޯޝަލް މީޑިއާގައި 500 މުވައްޒަފުން ވަކިކުރަން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ވަކިކުރާނެ މުވައްޒަފުންގެ އަދަދު އެނގޭނީ ޕާފޯމެންސް ރިޕޯޓްތަކަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.