މި އަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 29 އިންސައްތަ އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމުލަ 7.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 6 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުން ލިބުނު ފައިސާއެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 31 އިންސައްތައިގެ އިތުރުވުމެކެވެ. ބޭރު ފައިސާގެ އާމްދަނީއަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި 222.8 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ވަނީ ވަދެފައެވެ.
ޓީޖީއެސްޓީ އާއި ޖީއެސްޓީން ބޮޑު ކުރިއެރުމެއް
ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 39.4 އިންސައްތަ އިތުރު އަދަދެކެވެ. މީގެ އިތުރުން ޖުމުލަ ޖީއެސްޓީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޚަރަދުތަކާއި މުސާރައިގެ ބަދަލުތައް
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، މި މުއްދަތުގައި ޖުމުލަ 5.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރާ އަޅާބަލާއިރު ޖުމުލަ ޚަރަދުތައް އެއްވަރެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު ވަނީ 9.6 އިންސައްތަ އިތުރުވެފައެވެ. ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ގެނައި ބަދަލުތަކާއެކު، މުސާރައާއި ޕެންޝަނަށް މި މުއްދަތުގައި 2.64 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މި އަހަރަށް ސަރުކާރުން ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ. މި އަހަރު ދައްކަންޖެހޭ 1.1 ބިލިއަން ޑޮލަރުގެ ދަރަނީގެ ސަބަބުން ބަޖެޓު ބޮޑުވި ނަމަވެސް، ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި ކަމުގެ ޔަގީންކަން ސަރުކާރުން އަންނަނީ ދެމުންނެވެ.