ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

މުހައްމަދު ހަމީޒް
 
12 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި މަސައްކަތްތަކަށް ކުއްޔަށް ދޫކުރުމާއި، އެ ތަންތަން ބޭނުންކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށްޓަކައި "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ތައާރަފްކޮށްދެއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ.

މި ބިލުގެ މައިގަނޑު މަގްސަދަކީ މިހާރު އަމަލުކުރަމުންދާ ފަޅުރަށްރަށާ ބެހޭ ގާނޫނު އުވާލައި، މިޒަމާނުގެ ބޭނުންތަކާ އެއްގޮތަށް ފަޅުރަށްރަށާއި ފަޅުތައް ކަނޑައެޅުމާއި، ކުއްޔަށް ދިނުމުގެ އިތުރުން ވަރުވާއަށް ރަށްތައް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ. މި ބިލު ފާސްވެ ތަސްދީގުވުމުން މަޝްހޫރުވެގެންދާނީ "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ގާނޫނު" ގެ ނަމުންނެވެ.

ބިލުގައި ހިމެނޭ މުހިންމު ދާއިރާތައް

ބިލުގައިވާ ގޮތުން ފަޅުރަށްރަށް ކަނޑައެޅޭނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަން، ސިނާއީ މަސައްކަތްތައް، މަސްވެރިކަމާއި ދަނޑުވެރިކަން، އިގްތިސާދީ އަދި އިޖުތިމާއީ ބޭނުންތަކުގެ އިތުރުން ދައުލަތުގެ ބޭނުންތައް ހިމެނެއެވެ. ފަތުރުވެރިކަމަށާއި ސިނާއީ ބޭނުންތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައި ހުރި ރަށްތައް ކަނޑައަޅާނީ އެ ކައުންސިލަކުން ކަމަށާއި، އެގޮތަށް ކަނޑައަޅާ ރަށްތައް ކައުންސިލްގެ އިހުތިސާސުން ވަކިވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރަށްތައް އެކި ބޭނުންތަކަށް ކަނޑައެޅުމުގައި އެ ރަށެއްގެ ގުދުރަތީ އޮނިގަނޑާއި، ތިމާވެއްޓަށް ކުރާނެ އަސަރާއި، އަދި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ކުރާނެ ނޭދެވޭ އަސަރުތަކަށް ރިއާޔަތްކުރަން ޖެހެއެވެ. އަދި ހާއްސަ ގޮތެއްގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެހެން ބޭނުންތަކަށް ބޭނުންކުރުން މި ބިލުން ވަނީ މަނާކޮށްފައެވެ.

މި ބިލުގައިވާ ގޮތުން ވަރުވާއަށް ދޫކުރާ ރަށްތައް ފިޔަވައި އެހެން ހުރިހާ ފަޅުރަށްތަކެއް ބަލަހައްޓާނީ ކައުންސިލްތަކުންނެވެ. އަދި ކޮންމެ އަހަރަކު އެއްފަހަރު މި ރަށްތަކުގެ ތަފްސީލީ ލިސްޓެއް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހެއެވެ. މިއީ ރާއްޖޭގެ ވަސީލަތްތަކުން ލިބޭ އާމްދަނީ އިތުރުކޮށް، ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.