ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި ކުއްޔާއި ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު 14.5 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުގައިވާ ގޮތުން، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ނުދައްކާ ހުރި ފައިސާގެ އަދަދަށް ވަނީ 600 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއީ ފާއިތުވި އަހަރުގެ ނިޔަލަށް ނުލިބި ހުރި 13.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ފަސް ޕަސެންޓްގެ އިތުރުވުމެކެވެ.
ދައުލަތަށް އެންމެ ބޮޑު އަދަދެއް ނުލިބި ހުރީ ޓެކްސްތަކުންނެވެ. ޓެކްސްގެ ގޮތުގައި ނުލިބި ހުރި އަދަދު ވަނީ 7.8 ބިލިއަން ރުފިޔާ އިން 8.2 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ޖީޖީއެސްޓީގެ ގޮތުގައި ނުލިބި ހުރި 3.5 ބިލިއަން ރުފިޔާ އާއި، އިންކަމް ޓެކްސްގެ ގޮތުގައި ލިބެންޖެހޭ 2.4 ބިލިއަން ރުފިޔާގެ އިތުރުން ޓީޖީއެސްޓީގެ ގޮތުގައި ނުލިބި ހުރި 1.6 ބިލިއަން ރުފިޔާ އެވެ.
ޓެކްސްގެ އިތުރުން ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ވެސް ވަނީ މި ފުރަތަމަ ތިން މަސް ތެރޭގައި ބޮޑުތަނުން އިތުރުވެފަ އެވެ. ރިޕޯޓުގައިވާ ގޮތުން ރިސޯޓު ކުލީގެ ގޮތުގައި ނުލިބި ހުރި އަދަދު ވަނީ 5.7 ބިލިއަން ރުފިޔާ އިން ހަ ބިލިއަން ރުފިޔާ އަށް އުފުލިފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އެ ކުންފުނިތަކުން ނުލިބި ހުރި އަދަދު 2.4 ބިލިއަން ރުފިޔާ އިން 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ އިރު، އޭގެ ތެރެއިން 3.3 ބިލިއަން ރުފިޔާ އަކީ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެވެ.
ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، އެ ފައިސާ ހޯދުމަށް މީރާ އިން ކުރަމުންދާ މަސައްކަތުގެ ދަށުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދެ ބިލިއަން ރުފިޔާ ވަނީ އަނބުރާ ހޯދައިފަ އެވެ. މި ފައިސާ އާންމު ގޮތެއްގައި ހޯދަނީ ގާނޫނީ އިމުގެ ތެރެއިން ނޯޓިސް ދީގެންނާއި، ފައިސާ ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ފްރީޒް ކޮށްގެން ކަމަށް އެ އިދާރާ އިން މައުލޫމާތު ދެއެވެ.