މިއަހަރު މިހާތަނަށް ރިސޯޓް ކުލީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ

މުހައްމަދު ހަމީޒް
 
12 ގަޑިއިރު ކުރިން

މިއަހަރުގެ މިހާތަނަށް ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެ، 1.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އިން ނެރުނު "ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ވަނީ 1.1 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 8.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. އެގޮތުން މިއަހަރު އައި ފަތުރުވެރިންގެ 72.9 އިންސައްތަ ނުވަތަ 877,914 މީހުން ތިބީ ރިސޯޓްތަކުގައެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 185 ރިސޯޓުގެ ތެރެއިން 179 ރިސޯޓެއް މިވަގުތު އޮޕަރޭޓް ކުރަމުންދާއިރު، މިއީ ޖުމްލަ 45,115 އެނދުގެ ކެޕޭސިޓީއެކެވެ.

އިގްތިސާދު ވަރުގަދަކުރުމަށް ސަރުކާރުން ކުރާ މަސައްކަތް

ރާއްޖޭގެ އިގްތިސާދު ވަރުގަދަކޮށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ގާނޫނަށް ގެނައި އިސްލާހުގެ ދަށުން 500 މިލިއަން ޑޮލަރަށްވުރެ ބޮޑެތި އިންވެސްޓްމަންޓްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ސަރުކާރުގެ އަމާޒަކީ މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކުގެ އެހީގައި ރާއްޖޭގެ އުމްރާނީ އަދި މާލީ ދާއިރާ ތަރައްގީކޮށް، އޭގެ ފައިދާ ސީދާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވެ، ރާއްޖެއަށް ދެމެހެއްޓެނިވި ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.