ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރުމާއި ވަޒީފާ ދިނުމަކީ އެ ކުންފުންޏެއްގެ މެނޭޖިންގް ޑިރެކްޓަރުގެ ޒިންމާއެއް ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަމެއް ނޫން ކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދެއްކެވި މި ވާހަކައިގައި ޝާޑު ވިދާޅުވީ، ކުންފުންޏެއްގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމަކީ އެ ކުންފުންޏަކަށް ލާޒިމުކުރާ ކަމެއް ކަމަށެވެ. އަދި ކުންފުންޏެއް ހަމަމަގަށް އަޅުވައި، އެއީ ފައިދާވާ ތަނެއްގެ ގޮތުގައި ހިންގުމަކީ އެ ތަނެއްގެ ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ ޒިންމާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ކުންފުންޏަކުން މީހުން ވަޒީފާއަށް ނެގުމާއި ވަޒީފާއިން ވަކިކުރުމަކީ އެ ކުންފުންޏެއްގެ އެމް.ޑީ ޒިންމާވާންޖެހޭނެ ކަމެއް. އެއީ ސަރުކާރުން ކުރާ ކަމެއް ނޫން. ރައީސުލްޖުމްހޫރިއްޔާ ކިހިނެއްތޯ އެކަމަށް ޒިންމާ ނަންގަވާނީ؟" ޝާޑު ސުވާލު އުފެއްދެވިއެވެ.
ޝާޑު އިތުރަށް ވިދާޅުވީ، ކުންފުންޏެއްގެ މެނޭޖިންގް ޑިރެކްޓަރުގެ ޒިންމާއަކީ ހަމައެކަނި އިންޖީނެއް ނުވަތަ ކޭބަލެއް ގެނައުން ނޫން ކަމަށާއި، އެ ތަނެއް ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި އިތުރަށް ތިބި މުވައްޒަފުންނާ މެދު ގޮތްތަކެއް ނިންމުމަކީ ވެސް އެ ބޭފުޅެއްގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެއީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި އެ ބޭފުޅަކާ މަތިކުރެވިފައިވާ އަމާނާތެއް ކަމަށްވެސް ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއާ ހަވާލާދީ ޝާޑު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރު ކުރައްވާ ސިޔާސީ މަޤާމުތަކަށް މީހުން އިތުރުކުރުމާއި މަދުކުރުމުގެ ބާރު އެ މަނިކުފާނަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް ކުންފުނިތަކުގެ އިދާރީ ހިންގުމުގެ ތެރެއަށް ރައީސް ވެދަވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ޝާޑު ވިދާޅުވީ، ރައްޔިތުންނަށް ދޮގު މަޢުލޫމާތު ފަތުރައިގެން އަދި މަޖިލީހަށް ގަރާރުތައް ހުށަހަޅައިގެން ވެރިކަން ހޯދަން އުޅުމުގެ ބަދަލުގައި، އެ ޕާޓީން އިސްލާޙުވާން ޖެހޭ ކަމަށެވެ. މަކަރާއި ހީލަތުން ރައްޔިތުން އޮޅުވާލައިގެން މިއަދު ވެރިކަން ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.