ރާއްޖެއިން ބޭރުގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމްތަކުގައި ރުފިޔާ ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކަށް މަހަކު ޖުމްލަ 16 މިލިއަން ޑޮލަރުގެ ލިމިޓެއް ކަނޑައަޅައި، އެކި ދާއިރާތަކަށް ދުވާލަކު ބޭނުންކުރެވޭނެ ވަކި އަދަދުތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ. މާދަމާއިން ފެށިގެން އަމަލުކުރަން ފަށާ މި ބަދަލަކީ ބޭންކަށް ލިބެން ހުންނަ ބޭރު ފައިސާގެ މިންވަރަށްވުރެ ޑޮލަރުގެ ޑިމާންޑް ބޮޑުވެ، ރިޒާވް ހިފެހެއްޓުމަށް އެޅި ފިޔަވަޅެކެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި އީ-ކޮމާސް މުއާމަލާތްތައް އިންތިހާއަށް އިތުރުވުމުގެ ސަބަބުން ބޭރު ފައިސާގެ ތަނަވަސްކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި މީގެ ސަބަބުން ޒަރޫރީ އެހެން ޚިދުމަތްތަކާއި ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ހެދުމަށް ދަތިތަކާ ކުރިމަތިވެ ލަސްތައް ދިމާވަމުންދާތީ، ޒަރޫރީ މުދަލާއި ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް މި ލިމިޓްތައް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ކަނޑައެޅޭ ލިމިޓްތައް ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 ގައި ރީސެޓްވާނެއެވެ.
ދާއިރާތަކަށް ކަނޑައެޅިފައިވާ ލިމިޓްތައް
އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް 150 ޕްލެޓްފޯމަށް ދުވާލަކު 100,000 ޑޮލަރު (މަހަކު 3 މިލިއަން ޑޮލަރު) ކަނޑައަޅާފައިވާއިރު، މެޓަ އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ހަމަޖައްސާފައިވަނީ ދުވާލަކު 50,000 ޑޮލަރެވެ. މީގެއިތުރުން ޒަރޫރީ ސަބްސްކްރިޕްޝަންތަކަށް ދުވާލަކު 100,000 ޑޮލަރު އަދި އެހެނިހެން އީ-ކޮމާސް ވިޔަފާރިތަކަށް ދުވާލަކު 60,000 ޑޮލަރު ވަނީ ކަނޑައަޅާފައެވެ.
ދަތުރުފަތުރާއި ހޮޓެލް ބުކިންތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކު 200,000 ޑޮލަރު) ހާއްސަކޮށްފައިވާއިރު، އެހެން މީހުންނަށް ޓިކެޓާއި ބުކިން ހަމަޖައްސައިދިނުމުގެ ސަބަބުން ބޭރުވާ ފައިސާ ކޮންޓްރޯލް ކުރުމަށް، ކޮންމެ ކަސްޓަމަރަކަށް ތިން މަސް ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތެވެ. ނަމަވެސް، ސިއްހީ އަދި ތައުލީމީ ބޭނުންތަކަށް ވަކި މާޗަންޓް ލިމިޓެއް ކަނޑަނާޅައި، އެ ދާއިރާތަކަށް ހާއްސަ ބަފާއެއް ދަމަހައްޓާނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.
ބޭންކުން އިތުރަށް ބުނީ ކަނޑައެޅިފައިވާ ދުވަހުގެ ލިމިޓް ހަމަވެއްޖެނަމަ ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރެވޭނެ ކަމަށާއި ނުވަތަ ޑޮލަރު ކާޑެއް ބޭނުންކޮށްގެންވެސް ވިޔަފާރި ފުރިހަމަކުރެވޭނެ ކަމަށެވެ. އަދި ބޭރު ފައިސާގެ ހާލަތަށާއި މުއާމަލާތްތަކުގެ ވައްޓަފާޅިއަށް ބަލައި މި އަދަދުތަކަށް ދޭތެރެދޭތެރެއިން ބަދަލު ގެންނަމުންދާނެ ކަމަށްވެސް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.