ރާއްޖޭގެ ދަރަނީގެ ހާލަތާއި ބޭރު ފައިސާގެ ރިޒާވްގެ މައްސަލަ ހައްލުކުރެވޭނީ އިތުރަށް ދަރަނި ނަގައިގެން ނޫން ކަމަށާއި، ދަރަނި ނޫން އެހެން ގޮތްގޮތުން ދައުލަތަށް އާމްދަނީ އިތުރުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ރާއްޖޭގައި ނެތް ރިޒާވެެއް އުފައްދަން މިހާރު މަސައްކަތްކުރަމުން ދަނީ އެކި ގައުމުތަކުންނާއި އެހެނިހެން ވަސީލަތްތަކުން ދަރަންޏަށް ފައިސާ ނަގައިގެން ކަމަށެވެ. ނަމަވެސް، ދަރަނީގެ ފައިސާއަކުން ދަރަނީގެ އަސްލު މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދީ މި ހާލަތުން އަރައިގަނެ ރިޒާވާއި ބޭރު ފައިސާގެ ދަތިކަން ހައްލުކުރަން ބޭނުންވާނަމަ، ދަރަނި ނޫން ގޮތްގޮތުން އާމްދަނީ އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަދި ފައިސާ ރައްކާކުރެވެން އޮތް އަނެއް ގޮތަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުން ކަމަށްވީ ނަމަވެސް، އަމަލީ ގޮތުން އެކަން ސަރުކާރުން ކުރަމުން އަންނަތަން ނުފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެހެން ގޮތެއް ނެތް މިފަދަ ދަނޑިވަޅެއްގައި ރާއްޖެއަށް އާމްދަނީ ވަންނާނެ ފަދަ އިންވެސްޓްމަންޓް ޕްރޮޖެކްޓްތައް ގެނައުމަކީ ކުރަންޖެހިދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އެފަދަ މަޝްރޫއުތައް ހިންގުމުގައި ވިސްނުންތެރިވާންޖެހޭ ކަމަށާއި އެއީ ވަރަށް ފުޅާ ދާއިރާއެއްގައި ބަލަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަދައްކަވަމުން، ރަސްމާލެ މަޝްރޫއުގެ ތެރެއިން ބޭރު ބަޔަކަށް ބިން ދޫކޮށްފައިވާ މައްސަލައަށް އަލިއަޅުއްވާލައްވައި ޑރ. ޝަމްހީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ދައުލަތަށް ދިގު މުއްދަތަކަށް ފައިދާވާނެ ގޮތްތަކާއި އިގްތިސާދީ ރައްކާތެރިކަން ކަށަވަރުނުކޮށް މިފަދަ އަގުބޮޑު ބިންތައް ބޭރު ފަރާތްތަކަށް ދިނުމަކީ ގައުމުގެ މުދަލާއި ވަސީލަތްތަކަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.