ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ފައިނޭންޝަލް ސޮފްޓްވެއާ ކުންފުނި، ފިނަސްޓްރާގެ "އެސެންސް" ޕްލެޓްފޯމް ބޭނުންކުރަން ނިންމައިފިއެވެ. މިއީ ބޭންކުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ޒަމާނީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އައު ޕްލެޓްފޯމާއެކު ބޭންކުގެ ކޯ ބޭންކިން ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ ދުވަހީ މަސައްކަތްތައް ތަރުތީބުވެ، ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި އަވަސް ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ކޮންވެންޝަނަލް ބޭންކިން އަދި އިސްލާމިކް ބޭންކިންގެ ޚިދުމަތްތައް ވެސް މި ނިޒާމުގެ ތެރެއިން ފުރިހަމައަށް ފޯރުކޮށްދެވޭނެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. "މީގެ ސަބަބުން، ހަލުވިކަމާއެކު އައު އީޖާދުތައް ތަޢާރަފުކުރުމަށާއި، މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، މުޅި ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ ބިންގަލެއް އެޅިގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.
ފިނަސްޓްރާގެ ޔުނިވާސަލް ބޭންކިންގެ އީވީޕީ ޝަވާން ބައިރަން ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު އެއް ތަނބު ކަމަށްވާ ބީއެމްއެލްއާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ބީއެމްއެލް އިން އެސެންސް ޕްލެޓްފޯމް އިޚްތިޔާރު ކުރުމުން ހާމަވަނީ އެ ކުންފުނީގެ ޓެކްނޮލޮޖީއަށް އޮތް އިތުބާރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން މި ޕްލެޓްފޯމް އިޚްތިޔާރުކުރީ އޭގައި ހިމެނޭ ފަހެލިކަމާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ސަބަބުންނެވެ. މި ބަދަލާއެކު ބޭންކުގެ ރިލޭޝަންޝިޕް މެނޭޖަރުންނަށް ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އީޖާދީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.