ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް

ފުރާ މީހުންގެ ކާޑު ނޫނީ ދެން ބޭރުގައި ބޭނުން ނުކުރެވޭނެ: ބީއެމްއެލް

މުހައްމަދު ހަމީޒް
 
1 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ބޭންކް ކާޑުތައް ރާއްޖެއިން ބޭރަށް ގެންގޮސްގެން އޭޓިއެމް އަދި ޕީއޯއެސް މެޝިންތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހެދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ. މީގެ އިތުރުން ޓީމޫ ފަދަ ސައިޓްތަކުން ވިޔަފާރިކުރެވޭނެ ވަކި މިންވަރެއް ކަނޑައެޅުމަށް ވެސް ބޭންކުން ވަނީ ނިންމާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކަށް ލިބޭ ބޭރު ފައިސާއަށް ވުރެ ބޭންކުން ދޫކުރަންޖެހޭ ޑޮލަރުގެ އަދަދު އިތުރުވަމުންދާތީ ބައެއް ފިޔަވަޅުތައް އަޅަން މަޖުބޫރުވެފައިވާ ކަމަށެވެ. މި ބަދަލުތަކަކީ ބޭންކުގެ ބޭރު ފައިސާގެ ރިޒާވް މެނޭޖްކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ކާޑުގެ ވެރިފަރާތް ރާއްޖޭގައި ހުރެފައި އެމީހެއްގެ ކާޑު ބޭރަށް ފޮނުވައިގެން ބޭނުންކުރުން ހުއްޓުވުން ހިމެނެއެވެ. މީގެ މާނައަކީ ކާޑުގެ ވެރިފަރާތަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހަކަށް ނުވާނަމަ، އެ ކާޑެއް ބޭރުގެ އޭޓިއެމް ނުވަތަ ޕީއޯއެސް މެޝިންތަކުގައި ބޭނުން ނުކުރެވޭނެ ކަމެވެ.

މީގެ އިތުރުން، އީކޮމާސް މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ބަޖެޓް ހުރިހާ ކަސްޓަމަރުންގެ މެދުގައި އިންސާފުވެރިކޮށް ބެހުމުގެ ގޮތުން، ކޮންމެ މީހަކަށް މަހަކު ކުރެވޭނެ ޓްރާންސެކްޝަންގެ އަދަދު 30 އަށް ލިމިޓްކުރުމަށް ވެސް ބޭންކުން ވަނީ ނިންމާފައެވެ. މިއީ އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް ގެނެވޭ ބަދަލެކެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި މި ފިޔަވަޅުތައް އެޅުމުގެ މައިގަނޑު މަގްސަދަކީ ބޭންކުން ދޫކުރާ ޑޮލަރުގެ މިންވަރު ކޮންޓްރޯލްކޮށް، އެންމެ ބޭނުންޖެހޭ ކަންކަމަށް އިސްކަންދިނުމެވެ. މި ބަދަލުތަކަށް އަމަލުކުރަން ފަށާނެ ތާރީޚެއް ބޭންކުން ފަހުން އިއުލާން ކުރާނެއެވެ.