މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި 'ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް' މިއަދު އުފައްދަވައިފި އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައެޅުމުގެ މައްސަލަތައް ބެލުމަށް އޮފީހެއް ގާއިމް ކުރުމަށް މާހިރުން ލަފާދެއްވާފައިވާތީ މިކަމަށް ސަރުކާރުގެ ވަކި ހާއްސަ އިދާރާއެއް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ އޮފީހުގެ ބައެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް މިއަދު ރައީސް އުފައްދަވާފައިވާ ކަމަށެވެ.
މި އޮފީސް ގާއިމްކުރީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅާ، ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އެންމެހާ ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީހުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
* ރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭ ގޮތުން އުފެދޭ ހިލާފުތަކާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުން
* ރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައަޅާ، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން
މި އޮފީހުގެ މަސައްކަތްތައް އަމަލީ ގޮތުން ފެށުމަށް އިންތިޒާމުތައް ހަމަޖައްސާ، މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ރަށްތަކާ ގުޅޭ މައްސަލައިގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ނިންމި ބައެއް ނިންމުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ނިންމުންތައް ނިންމި ފަރާތްތަކާ ސުވާލުކުރަން ހާއްސަ އިންކުއަރީ ކޮމިޝަނެއް އުފައްދާނެކަން ވެސް ރިޔާސީ ބަޔާނުގައި ރައީސް ވަނީ އިއުލާނުކުރައްވައިފަ އެވެ.