ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" މިއަދު އުފައްދަވައިފިއެވެ.
ރައީސްގެ އޮފީހުން މިއަދު ވިދާޅުވީ، މި އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް އެ އޮފީހުގައި ގާއިމު ކުރި އޮފީހެއް ކަމަަށެވެ.
މި އޮފީސް ގާއިމު ކުރައްވަން ނިންމެވިކަން ރައީސް އިޢުލާން ކުރެއްވީ، މި އަހަރުގެ ރިޔާސީ ބަޔާން، ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން މި އަހަރުގެ ފެބުރުވަރީ މަހުގެ ފަސް ވަނަ ދުވަހެވެ.
މި ބިއުރޯގެ މަސައްކަތްތައް އަމަލީ ގޮތުން ފެށޭނީ މި އަހަރުގެ މެދު ތެރޭގައެވެ. މި ބިއުރޯގެ މަސައްކަތްތައް ފެށުމަށް ހަމަޖައްސަން ޖެހޭ އިދާރީ އިންތިޒާމުތަކާއި، އެ ބިއުރޯއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމުގެ މަސައްކަތް ރައީސް އޮފީހުން މިހާރު ގެންދަނީ ކުރައްވަމުންނެވެ.
"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މައިލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމެވެ. މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރެވޭނެ ކަަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.