ރައީސް ޑރ، މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ގެ މެންބަރުކަމަށް، ހަސަން ޝަފީއު މިއަދު އައްޔަންކުރައްވައިފިއެވެ.
މިއަދު، ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޝަފީއު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ. ޝަފީއުއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްއްމަދު ސަލީމްއެވެ.
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ޝަފީއުއާ ހަވާލުކޮށްދެއްވައިފައެވެ.
ޝަފީއު ޖޭއެސްސީޢަށް އައްޔަންކުރީ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
ޝަފީއު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހައްދަަވައިފައެވެ.