ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތު. --- ފޮޓޯ: ރައީސް އޮފީސް

"އައިލާ މޯލްޑިވްސް" ގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

މުހައްމަދު ހަމީޒް
 
6 ދުވަސް ކުރިން

ރާއްޖޭގެ އިގްތިސާދީ އަދި ތަރައްގީގެ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނުވާނެ ކަމަށް ބެލެވޭ "އައިލާ މޯލްޑިވްސް" މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ނ. އަތޮޅުގެ ތިން ސަރަހައްދެއްގައި ކުރިއަށްގެންދާ މި ތާރީހީ ބޮޑު މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ނ. އަތޮޅު ކުރަމާދޫ، ދެކެނަންފަރު އަދި ދިގުފަރުގައި ތަރައްގީކުރާ މި މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މަޝްރޫއުގެ ކޮންޓްރެކްޓަރު، ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ ޕެޓާ ކާސްޓިކާއި އެ ކުންފުނީގެ އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

800 މިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމެންޓެއް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްރިސްޓަލް ހޯލްޑިންގްސްގެ ސީއީއޯ ޕެޓާ ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭރުގެ އިންވެސްޓަރަކު ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ މި މަޝްރޫއަކީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއެވެ.


މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާރިޗު މަހު ފަށައި، ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ ނިންމާލާފައެވެ. އަދި މި މަޝްރޫއު ހިންގުމުގެ ރަސްމީ ހުއްދަ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މަޝްރޫއުގެ ދަށުން ގާއިމުކުރެވޭނެ ވަސީލަތްތައް

"އައިލާ މޯލްޑިވްސް" މަޝްރޫއުގެ ދަށުން ރިއަލްއެސްޓޭޓް ޑިވެލޮޕްމެންޓާއި ރެސިޑެންސީގެ ފުރުސަތުތަކުގެ އިތުރުން، އިންވެސްޓްމެންޓްގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މި ސަސްޓެއިނަބަލް ޓައުންޝިޕަކީ މީހުން ދިރިއުޅުމުގެ އިތުރުން ފަތުރުވެރިކަމުގެ ވަސީލަތްތަކާއި އިގްތިސާދީ އެކި މަސައްކަތްތައް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސަރަހައްދެކެވެ.


މީގެ އިތުރުން، މި ސަރަހައްދުގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީނުކުރާ މަރުކަޒެއްގެ އިތުރުން، ޒަމާނީ ފެންވަރުގެ ދަނޑުވެރިކަމާއި އެކުއާކަލްޗާ މަސައްކަތްތައް ކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.