އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

ނަޝީދު ޗެއާޕާސަނަކަށް ގެންނަން ނިޒާރު ތާއީދު

މުހައްމަދު ހަމީޒް
 
4 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިން ވެސް އެ މަގާމު ފުރުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމަކީ ޕާޓީގެ ސިޔާސީ މަސައްކަތްތަކެއް ލިބޭނެ ކުރިއެރުމެއް ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މޭޔަރުކަމުގެ ދެވަނަ ދައުރެއް ވެސް ކާމިޔާބު ކުރައްވާފައިވާ ނިޒާރު ރޭ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މި ނާޒުކު ދަނޑިވަޅުގައި ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލައްވަވައި، އަދި ޕާޓީގެ ހަރަކާތްތަކުގައި އަލުން ބައިވެރިވާން ނިންމެވުމަކީ އެމްޑީޕީން ކުރަމުންދާ ސިޔާސީ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ.

"ހަމައެއާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީގެ ކުރީގެ ޗެއާޕާސަން އުސްތާޒް ފައްޔާޒަށް ރިޔާސީ ޓިކެޓް ހޯދައި ދިނުމަށް ތާއިދު ކުރަށްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ އަޅުގަނޑަށް ވަރަށް ބޮޑަށް ތާއިދުކުރެވޭ އަގުހުރި ނިންމެވުމެއް،" ނިޒާރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ފައްޔާޒަކީ ރާއްޖެ އަށް ބޮޑެތި ސިޔާސީ އިސްލާހު ގެންނަން ޖެހޭ މި ދަނޑިވަޅުގައި ކެރިގެން އެކަން ކުރެވޭނެ ގާބިލުކަން ހުރި ސިޔާސީ ލީޑަރެއް ކަމަށެވެ. އަދި ރާއްޖެ ހެޔޮވެރިކަމުގެ މިސްރާބަށް ކުރާ ދަތުރުގައި ގޮންޖެހުންތަށް ހުރި ނަމަވެސް އެމްޑީޕީއާ އިދިކީލަ ސިޔާސީ ފިކުރުތަކަކީ ހުދުމުހުތާރު ވިސްނުންތަކެއް ކަމުން، ޕާޓީގެ ހިންގުން ހަރުދަނާކޮށް އާ މިސްރާބަކަށް ދަތުރު ފަށަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ނަޝީދު އެމްޑީޕީގެ ޗެއާޕާސަނަކަށް ގެންނަން ނިޒާރު ތާއީދު ކުރެއްވި އިރު، އެ މަގާމަށް އިތުރު އެހެން ދެ ބޭފުޅަކު ވެސް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވެ އެވެ. އެއީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމާއި މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެވެ.

މީކާއީލް އިއްޔެ ވަނީ "އިތުބާރު" ގެ ނަމުގައި ރަސްމީކޮށް އޭނަގެ ކެމްޕޭން ލޯންޗް ކުރައްވައިފަ އެވެ.