ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރުމަށްޓަކައި ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައިފިއެވެ. މި ތިން ބޭފުޅުން މިރޭ ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައި ވަނީ ގައުމުގެ މިހާރުގެ ހާލަތާ މެދު މަޝްވަރާކުރައްވައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުމަށް ދޫނުދީ މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.
މި ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ރައީސުން ވެސް ވަނީ މިހާރު ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިން މިނިވަންކުރުމަށާއި، ނޫސްވެރިންނާ ދެކޮޅަށް ހިންގާ ޝަރީއަތްތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުން ނެރެފައިވާ ބައެއް އަމުރުތައް ބާތިލުކުރުމަށް ވެސް މި ބައްދަލުވުމުގައި ބާރުއެޅުއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިހާރުގެ ސަރުކާރުން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ޚުދުމުހުތާރު ސިފަތަކެއް ދައްކަމުންދާ ކަމަށެވެ. "އަޅުގަނޑުމެން ގަބޫލު ކުރަނީ އިނަފް އިޒް އިނަފްއޭ، އަޅުގަނޑުމެން ރޮނގެއް ދަމާލާފަ ތިން ރައީސުން އެއްބަސްވީ،" ޔާމީން ވިދާޅުވިއެވެ. އަދި ވަކި މުއްދަތެއް ކަނޑަނޭޅި ނަމަވެސް، މަގުމަތީގެ ހަރަކާތްތަކާއި ސިޔާސީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ބޭފުޅުންގެ ވެރިކަންތަކަކީ އެންމެ ފުރިހަމަ ވެރިކަންތައް ކަމަށް ދައުވާ ނުކުރައްވާ ކަމަށެވެ. ނަމަވެސް، ގައުމީ މުހިންމު ކަންކަމުގައި ހިޔާލު އެއްގޮތްވާ ނަމަ އެކުގައި މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވީ ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް، ގައުމީ މަސްލަހަތަށްޓަކައި މިވަގުތު އެކުގައި ނުކުތުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ކުރިމަތިކުރާ ދަތިތަކުން ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ޞާލިޙު ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި މިހާ ބޮޑު ތިން ވާދަވެރިން އެއް މޭޒެއްގެ ދޮށުގައި، އެއް މަގްސަދެއްގައި ބައްދަލުވުމެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.