އިހުސާނު ޔާމީނަށް: މަޤްބޫލުކަން ހޯދަން ދީން ހަތިޔާރަކަށް ނަހަދާ

މުހައްމަދު ހަމީޒް
 
7 ގަޑިއިރު ކުރިން

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގަން އުޅޭ ބިޔަ މަޝްރޫޢަކީ "ޔަހޫދީ އާބާދީއެއް" (ޖުވިޝް ސެޓްލްމަންޓް) ބިނާކުރުން ކަމަށް ސިފަކުރައްވައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކަކީ ޙަޤީޤަތް އޮޅުވާލައި، ސިޔާސީ މަންފާއަށްޓަކައި ދީނީ ޖަޒުބާތުތަކުގެ ނާޖާއިޒު ފައިދާ ނެގުމުގެ ލަދުވެތި ޢަމަލެއް ކަމަށް ވިދާޅުވެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އިހްސާން މިފަދައިން ވިދާޅުވީ، ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރީގެ ރައީސް ޔާމީން ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. ރައީސް ޔާމީންގެ ޕޯސްޓުގައި، އީގަލް ހިލްސް އަކީ އަޚްލާޤީ ގޮތުން ފެއިލްވެފައިވާ ސަރުކާރެއްގެ ބޭނުންހިފާ ބައެއްގެ ގޮތުގައި ސިފަކުރައްވައި، ސައްތައިން ސައްތަ މުސްލިމް އަދި ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރާ ޤައުމެއްގައި "ޔަހޫދީ އާބާދީއެއް" ޤާއިމުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.

 އަދި މި މަޝްރޫޢާ މެދު އޮތީ ނަފްރަތު ކަމަށް ވިދާޅުވެ، އެ މަޝްރޫޢު ވަގުތުން ހުއްޓާލުމަށް އެމަނިކުފާނު ވަނީ އެ ކުންފުންޏަށް ގޮވާލައްވާފައެވެ.

ރައީސް ޔާމީންގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން، ވަޒީރު ޢަލީ އިޙްސާން 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް ވަރުގަދަ ލޯތްބާއި ތާއީދަކީ ބިރުވެރިކަމާއި، ނަފްރަތާއި ދޮގު މަޢުލޫމާތު ފެތުރުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

"ތިޔަ މަނިކުފާނުގެ ވެރިކަމުގައި މި އިންވެސްޓްމަންޓް ޙަޤީޤަތަކަށް ނުވުމަކީ، މިއަދު މި މަޝްރޫޢު ބަދުނާމުކުރުމަށް ލިބޭ ޙައްޤެއް ނޫން. ޤައުމީ ތަރައްޤީއަކީ ޒާތީ ސިޔާސީ ހިތްދަތިކަމާއި ޙަސަދައިގެ ރަހީނަކަށް ވެގެން ނުވާނެ،" އިޙްސާން ވިދާޅުވިއެވެ.

މީގެއިތުރުން، ސިޔާސަތުތަކަށް ފާޑުކިޔުމުގެ ފުރުޞަތު އޮތް ނަމަވެސް، ސިޔާސީ ގޮތުން މަޤްބޫލުކަން ހޯދުމަށްޓަކައި ދީނީ ބައިބައިވުން އުފެއްދުމާއި ރައްޔިތުންނަށް މަގުއޮޅުވާލުން ހުއްޓާލުމަށް ވަޒީރު ގޮވާލެއްވިއެވެ. 

އަދި ދިވެހިރާއްޖެއަށް މިއަދު ބޭނުންވަނީ ޒިންމާދާރު ލީޑަރޝިޕެއް ކަމަށާއި، ބިރުވެރިކަން އުފައްދާ ފިތުނަވެރި ސިޔާސަތެއް ނޫން ކަމަށްވެސް އިހްސާން ފާހަގަކުރެއްވިއެވެ.