ރާއްޖޭގެ އެންމެ ބޮޑު މިސްކިތްގެ ބިންގާ އަޅައިފި

މުހައްމަދު ހަމީޒް
 
10 ގަޑިއިރު ކުރިން

ހުޅުމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ މިއަދު އަޅައިފި އެވެ.

މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މި މިސްކިތުގެ މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ ސައުދީއަރަބިއްޔާގެ އައްރާޖިޙީ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ބަންދަރު ޢަބްދުﷲ އައްރާޖިޙީ، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ.

ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުން ކުރިއަށްގެންގޮސްފައި މިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތާ ގުޅުވަ އެވެ.

ދެ އަހަރުތެރޭ ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތަށް ކިޔަނީ، "ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރ" އެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ އިސްލާމީ އާކިޓެކްޗާގެ ރީތިކަމާއި، ރާއްޖޭގައިވާ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތަރިކަ ދައްކުވައިދޭނެ، އަދި އީމާންތެރިކަމާއި، ޢިލްމާއި، އެކުވެރިކަމާއި، އިޖުތިމާޢީ ގުޅުމުގެ މަރުކަޒެއްގެ ގޮތުގައި ޚިދުމަތްކުރާނެ ބިނާއެއް ކަމަށެވެ.

މި މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގާއި ޕާކިން ވެސް ހިމެނޭނެ އެވެ. އަދި ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މި މިސްކިތުގައި 10،000 މީހުންނަށް ނަމާދުކުރެވޭނެ އެވެ.