ޤައުމީ ވަޤުފު ކުންފުންޏާއެކު ދީނީ ކަންކަމަށް ބޮޑު އިންގިލާބެއް އަންނާނެ: ރައީސް

މުހައްމަދު ހަމީޒް
 
1 ދުވަސް ކުރިން

ސަރުކާރުން އަލަށް ވުޖޫދުކުރި ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ރާއްޖޭގެ ދީނީ ދާއިރާއަށް އައު ދިރުމަކާއި ތަރައްޤީ ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. 

މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުންފުނީގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ޚާއްޞަ ޤަރާރަކުން "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފެއްދެވުމާ ގުޅިގެންނެވެ.

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ދީނީ ކަންކަމަށް ބޮޑެތި ހޭދަތައް ކުރެއްވުމުގެ އިތުރުން ޒަމާނީ ފެންވަރުގެ މިސްކިތްތައް ބިނާކުރުމާއި، އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރިތައް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ވަޤުފުގެ ނިޒާމަކީ އިންސާނިއްޔަތަށް ފައިދާހުރި ގިނަ ކަންތައްތަކެއް އެކުލެވޭ، އިޤްތިޞާދީ ގޮތުންވެސް ވަރުގަދަ ބިންގަލެއް އަޅައިދޭ އިލާހީ ޙިކުމަތެއް ކަމަށް ރައީސް ބަޔާންކުރެއްވިއެވެ.

މި ކުންފުންޏާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "މާތް ﷲގެ ވާގިފުޅާއެކު މިއަދު މި އުފެއްދި ޤައުމީ ވަޤުފު ކުންފުނި ވެގެންދާނީ، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށް. އަޅުގަނޑުމެންގެ ހޭދަޔާއި ހެޔޮކަމުގެ ބުރަދަން ރަމްޒުކޮށްދޭ ތިލަފަތަކަށް. މި ކުންފުނި ވެގެންދާނީ އިރާދަކުރެއްވިއްޔާ ޤައުމީ އިޖުތިމާޢީ އަދި އުމްރާނީ ވެށްޓަށް ލިބޭ ޚާއްޞަ ޒީނަތަކަށް. 2040 ވަނަ އަހަރާ ހަމަޔަށް ދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ވަށާޖެހޭ ތަރައްޤީގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާނޭ ވަސީލަތަކަށް."

މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ދީނީ ކަންކަމަށް ފައިސާ ހޯދުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަޤުފު އިމާރާތްތައް ބިނާކޮށް ބެލެހެއްޓުމެވެ. މީގެ އިތުރުން މިސްކިތްތައް އަޅައި، މަރާމާތުކޮށް އަދި މިސްކިތްތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމާއެކު، ޝަރީޢާ ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކުންފުނީގެ ރައުސްމާލަކީ 100 ރުފިޔާގެ މަގުން އެއް މިލިއަން ހިއްސާއަށް ބަހާލެވިފައިވާ ޖުމްލަ 100 މިލިއަން ރުފިޔާއެވެ. އަދި ކުންފުނީގެ ދަރަންޏާއި ޝަރުޢީ އެހެނިހެން އިލްތިޒާމުތަކަށް ދައުލަތުން ޒިންމާ އުފުލާނީ ކުންފުނީގެ ހިއްސާގެ ރައުސްމާލުން ސަރުކާރުން އަދާނުކޮށް އޮންނަ މިންވަރަކަށް ކަމަށްވެސް އެ ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.