ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންގެ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ދަމަހައްޓާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ ޤާބިލިއްޔަތު ފުރިހަމައަށް ބޭނުންހިފުމަށް މަގުފަހިކޮށްދިނުމާއި، މުސްތަޤްބަލުގެ ލީޑަރުންގެ ގޮތުގައި އެކުދިން ބިނާކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ. އަދި އަމާން އަދި ރައްކާތެރި މާޙައުލެއްގައި ޤައުމީ ތަރައްޤީއަށް މާނަހުރި ގޮތެއްގައި ޙިއްޞާވެވޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސިޔާސަތުތައް އެކަށައަޅައި ތަންފީޛުކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ލަނޑުދަނޑިތައް ޙާޞިލުކުރެވޭނީ މުޅި މުޖުތަމަޢު އެކުގައި ގުޅިގެން ކުރާ މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޢާއިލާތަކާއި މުޖުތަމަޢު އަދި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން މިކަމުގައި މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ އަންހެން ދަރިންގެ ކުރިމަގަށް ކުރާ އިންވެސްޓަކީ، އެންމެންނަށް ހަމަހަމަ، ފާގަތި އަދި އުޖާލާ މުސްތަޤްބަލަކަށް އެޅޭ ބިންގަލެއް ކަމަށެވެ.