ސައުދީގެ އެހީ ހޯދުމުގެ އިތުރުން ވިޔަފާރީގެ ބައިވެރިއަކަށް ވާން ރާއްޖެ ތައްޔާރު: ރައީސް މުޢިއްޒު

މުހައްމަދު ހަމީޒް
 
4 ގަޑިއިރު ކުރިން

ދިވެހިރާއްޖެއަކީ ހަމައެކަނި ތަރައްޤީގެ އެހީ ހޯދާ ޤައުމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ސައުދީ ޢަރަބިއްޔާގެ އިޤްތިޞާދީ އަދި އިންވެސްޓްމަންޓް ބައިވެރިއަކަށް ވުމަށް ރާއްޖެ ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ސައުދީގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ސައުދީގެ ވިޔަފާރިވެރިންނަށް ފަހި ފުރުޞަތުތަކެއް ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި، ބޯހިޔާވަހިކަން، ޞިއްޙީ ދާއިރާ، އިޔާދަކުރަނިވި ހަކަތަ އަދި ލޮޖިސްޓިކްސްގެ ދާއިރާއިން އިންވެސްޓްކުރުމަށް އެމަނިކުފާނު ދަޢުވަތު އެރުވިއެވެ.

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) މެދުވެރިކޮށް ރާއްޖޭގެ ދަތުރުފަތުރާއި، ސިއްޙަތު އަދި މަސްވެރިކަމުގެ އިތުރުން ސުނާމީ ކާރިސާގައި ވެދިން ދީލަތި އެހީތައް ރައީސް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަދި ޙައްޖުވެރިންނަށް ފަސޭހަކޮށްދިން "މައްކާ ރޫޓް" އާއި، ދެ ޤައުމުގެ އެކުވެރިކަން ރަމްޒުކޮށްދޭ "ކިންގް ސަލްމާން މިސްކިތް" ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ކަނޑުގެ އަމާންކަން ދެމެހެއްޓުމަކީ ޤައުމީ ފާގަތިކަމާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި، ސައުދީ އިސްވެ ސޮއިކުރި "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް" ޗާޓަރުގެ ދަށުން ސަރަޙައްދީ ހަމަޖެހުމާއި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމަށް ސައުދީއާއެކު ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވިއެވެ.