ދިވެހިރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ މަސައްކަތްތައް ރޭވުމަށްޓަކައި، އެ ބޭފުޅުން ކަނޑައަޅުއްވާފައިވާ މަންދޫބުންގެ ފުރަތަމަ ބައްދަލުވުން މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ކުރިއަށް އޮތް ތަނުގައި އަމަލުކުރާނެ "މަގުޗާޓު" އެކުލަވާލުމެވެ.
މި އިއްތިހާދުގައި ތިން ރައީސުން ތަމްސީލުކުރައްވާނެ މަންދޫބުން މިހާރު ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސް ސޯލިހުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަންނަވަނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް އަދި މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަންނަވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އާއި އިސްމާއިލް ޒަރިޔަންދު އެވެ.
މި ކޮމިޓީއަކީ ތިން ރައީސުން އެއްބަސްވެވަޑައިގެންފައިވާ ގޮތަށް އިސްތިރާޖީ ގޮތުން ހަރަކާތްތައް ރާވައި ހިންގުމަށް އެކުލަވާލި ކޮމިޓީއެކެވެ. މިއީ މި ތިން ރައީސުންގެ މެދުގައި މަޝްވަރާ ކުރުމަށް މިފަދަ ރަސްމީ ކޮމިޓީއެއް އެކުލަަވާލި ފުރަތަމަ ފަހަރެވެ. ނަމަވެސް، މިއީ ރިޔާސީ އިންތިހާބަށް އަމާޒުކޮށްގެން އުފެއްދި ކޯލިޝަނެއް ނޫން ކަމަށް ތިން ރައީސުން ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.