އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބަށް ހުޅުވާލައިފި

މުހައްމަދު ހަމީޒް
 
6 ގަޑިއިރު ކުރިން

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން މިއަދު ރަސްމީކޮށް ހުޅުވާލައިފި އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ފުރަތަމަ ގައުމީ މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 27 ގައެވެ. އެ ޕާޓީން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އިންތިހާބުގައި ވާދަކުރެވޭނީ މި މަހުގެ 20 ގެ ކުރިން އެމްޑީޕީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މި އިންތިހާބުގައި މައިގަނޑު 10 މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެޕްލިކޭޝަން ހުށަހެޅޭނީ އެމްޑީޕީގެ 'ޔެލޯ އެޕް' މެދުވެރިކޮށް މި މަހުގެ 25 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ. މީގެއިތުރުން، ގައުމީ މަޖިލީހުގައި ހިމެނޭ ހުރިހާ މަގާމަކަށް ކުރިމަތިލާ ފަރާތްތަކުން 1,000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ކުރިމަތިލުމަށް ހުޅުވާލި މަގާމުތައް

އަތޮޅު އަދި ސިޓީތަކުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ މެންބަރުން

ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލިސް މެންބަރުން

ރަށު އަދި ސިޓީ ދާއިރާތަކުގެ ނާއިބު ރައީސް

ރަށު އަދި ސިޓީ ދާއިރާތަކުގެ ސެކްރެޓަރީ

ރަށު އަދި ސިޓީ ދާއިރާތަކުގެ އަންހެން ސެކްރެޓަރީ

ރަށު އަދި ސިޓީ ދާއިރާތަކުގެ ޒުވާނުންގެ ސެކްރެޓަރީ

އަންހެނުންގެ ރޫހުގެ ރައީސް

އަންހެނުންގެ ރޫހުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެންބަރުން

ޒުވާނުންގެ ހިތްވަރުގެ ރައީސް

ޒުވާނުންގެ ހިތްވަރުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެންބަރުން

އިންތިހާބަށް ހުޅުވާލި މަގާމުތަކުގެ ތެރެއިން ޒުވާނުންގެ ގޮތްޕާއި ޒުވާނުންނަށް ހާއްސަ މަގާމުތަކަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 31 އަހަރާ ދެމެދުގެ މެންބަރުންނަށް ކަމަށް އެމްޑީޕީން މައުލޫމާތުދެ އެވެ.