ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޝާހިދުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގެ އުތުރުގެ ދަތުރުތައް ކުޅުދުއްފުށިން ފަށަނީ

މުހައްމަދު ހަމީޒް
 
45 މިނެޓު ކުރިން

2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރެއްވުމަށް ވާދަކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ކެމްޕޭން ދަތުރުތައް އުތުރަށް ފެއްޓެވުމަށް ތައްޔާރުވެއްޖެ އެވެ. އެގޮތުން މި މަހުގެ 4 އިން 7 އަށް އެމަނިކުފާނުގެ އުތުރުގެ ކެމްޕޭން ފައްޓަވާނީ ހދ. ކުޅުދުއްފުށި ސިޓީންނެވެ.

އުތުރުގެ އެންމެ ބޮޑު އެއް އާބާދީ އޮތް ކުޅުދުއްފުށިން ކެމްޕޭން ފައްޓަވަން ނިންމެވި ނިންމެވުމަކީ، އެ ސަރަހައްދުގެ ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ދެއްވާ ޚާއްސަ އިސްކަމެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެ އެވެ. ޝާހިދު އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ރަސްމީކޮށް ފައްޓަވާފައި ވަނީ ދެކުނުގެ މައި ހަބް ކަމަށްވާ އައްޑޫ ސިޓީގައި ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ވެރިކަން ކުރައްވާނީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ސާދާކޮށް ކަމަށާއި، އަބަދުވެސް އެންމެ އިސްކުރައްވާނީ ގައުމީ މަސްލަހަތާއި ލާބަ ކަމަށެވެ.

ޕާޓީގެ އިސް މަގާމެއްގައި ހުންނަވައިގެން ޕްރައިމަރީއެއްގައި ވާދަކުރެއްވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ދެކެވަޑައިގެން، ޝާހިދު ވަނީ ކެމްޕޭން އިއުލާނު ކުރެއްވުމުގެ ކުރިން އެމްޑީޕީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝާހިދުގެ އިތުރުން ވާދަކުރައްވާނެކަން ރަސްމީކޮށް ހާމަކުރައްވާފައި ވަނީ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ. މީގެއިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް މި ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައި ވީނަމަވެސް، އެކަން އަދި ރަސްމީކޮށް އިއުލާނު ކުރައްވާފައެއް ނުވެ އެވެ.