އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހަށް ފަސްކޮށްފިއެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ސެނެޓް މެމްބަރެއް ކަމަށްވާ ހުސެއިން ޝިފާޒް ވިދާޅުވީ ސިޔާސީ ޕާޓީގެ އެންމެ ބޮޑު އެއްކަމަކީ ބޮޑެތި ބަދަލުތަކެއް އަސާސީ ގަވާއިދަށް ގެނައުން ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ކޮންމެ ފަސް އަހަރަކުން އެއް އަހަރު ކޮންގްރެސްއެއް އެއްކުރާ ކަމަށާއި، އެމްޑީޕީގެ ކޮންގްރެސް އޮކްޓޫބަރު އެކަކުން ތިނަކަށް މާލެ ސިޓީ ހޯލްގައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކޮންގްރެސްގެ މަންދޫބުން ކަނޑައެޅުމާއި ކޮންރެސްގެ ފުލް ޑެލިގޭޝަން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ކޮންގްރެސްގައި ވަރަށް މުހިންމު އެއްކަމެއް އެބަ ކުރިއަށް ގެންދަން. އެއީ ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް ނަޝީދު މަގާމާ ހަވާލުވެވަޑައިގެން އެންމެ ބޮޑަށް ދެއްކެވީ ރާއްޖޭގެ ރައްޔިތުންނަށް ލިބޭ މިންވަރު އިތުރުކުރުމުގެ ވާހަކަ. ޕާޓީގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ ލިބޭ އާމްދަނީ ދެގުނަ ކުރުން. ކޮންގްރެސްގައި ޝިއާރެއްގެ ގޮތުގައި މި ގެންގުޅެނީ "ރަށްވެހި އުފެއްދުން"." ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ގުޅިގެން ވަކިން ހާއްސަކޮށް އެމްޑީޕީގެ ކައުންސިލްްތަކުގެ މަޝްވަރާގެ މަތިން ކޮންރެސްގައި އެއް ސެޝަން އިންވެސްޓް ފޯރަމެއްގެ ނަމުގައި ހާއްސަކުރުމަށް ނިންމާފައިވާ ކަމަށެވެ. އެކަން ކުރަނީ ކައުންސިލްތަކުން އެ ރަށެއްގައި ހިންގަން ބޭނުންވާ މަޝްރޫތައް ކަނޑައަޅައި އެ މަޝްރޫތަކަށް އިންވެސްޓަރުން ހޯދައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަދިނުމަށް ކަމަށް ވިދާޅުވިއެވެ.
މިހާތަނަށް 77 ޕްރޮޖެކްޓް ކައުންސިލްތަކުން އެމްޑީޕީގެ ސެކްރެޓަރީއާއި ހިއްސާކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ޝިފާޒް ވިދާޅުވީ ކޮންގްރެސް ފެށެން ވާއިރަށް 100 އަށްވުރެގިނަ ޕްރޮޖެކްޓް ފޯރަމްގައި ހިއްސާކުރެވޭނެ ކަމަށެވެ.